ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓާ ގުޅިގެން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު "ވަން" އަށް ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ވަކި މީހަކަށް ނުބަލައި އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ހޫދު ވިދާޅުވީ، އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި ރިޕޯޓްގައި ހުރި ކަންކަން ދިރާސާ ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަަމަށެވެ.

"ވަކި މީހަކަށް ނުބަލައި، އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" ހޫދު ވިދާޅުވިއެވެ.

އޮޑިޓް އޮފީހުން މިއަދު އާންމު ކުރި ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރިއިރު އެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރެކޮމެންޑް ކޮށްފައިވާ ސަޕްލަޔަރެއް ނޫން ކަމަށް ބުނެފައިވެއެވެ.

އެގޮތުން ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާއި މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހުނުއިރު، އެކަން ކޮށްފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިއަދު އާއްމުކުރި އޮޑިޓު ރިޕޯޓުގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަންނުކޮށް، އެ ފަރާތަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ފަރާތަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް، ހެލްތު މިނިސްޓްރީން ލިޔެކިއުންތަކުގަ އާއި އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ މި މަސައްކަތް ހަވާލުކުރުމުގެ ހުއްދައަށް އެދި، ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި އެކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން އެ އިދާރާގެ އެމަޖެންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައިކުރުމަށް އެކަށީގެންވާ ކުންފުންޏެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް، މިނިސްޓްރީގެ ބިޑް ކޮމިޓީއަށް އޭޕްރީލް އެކެއްގައި ފޮނުވި މެމޯގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވާފައިވަނީ ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާގެ މަތިން ކަމަށާއި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ގޮތުގައި، އެ ކުންފުނިން ސަޕްލައި ކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރުތަކުގެ ލިސްޓެއް އެ އިދާރާއިން އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ ހަވާލުކުރުމާ މެދު ގޮތެއް ނިންމުމަށް ހެލްތުގެ ބިޑް ކޮމިޓީގެ 2020 ވަނަ އަހަރުގެ 33 ވަނަ ޖަލްސާގެ ޔައުމިއްޔާގައި، އެގްޒެކިއުޓާސް ހޮވާފައިވަނީ ޑަބްލިއުއެޗްއޯ އިން ދީފައި ހުރި ކުންފުނިތަކުގެ ތެރެއިން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ރިޕޯޓުގައި ވަނީ 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ އެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން ހެލްތު މިނިސްޓްރީން ޕާފޯމަންސް ގެރެންޓީއެއް ނަގާފައި ނުވާ ކަމަށާއި އެހެންކަމުން އެއްބަސްވެފައިވާ ގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދޭން ބާރުއަޅައި، އެކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީއަށް ހޯދިފައި ނުވާ ކަމަށެވެ.

ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ %90 ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހޯދާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން މައުލޫމާތު ހުށަހަޅާފައިވާ ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ބިޑް ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން، ހެލްތު މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރު ފާހަގަކޮށްފައިވާ ކަންކަމަށް އެ ކޮމެޓީން ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. އަދި ބިޑް ކޮމިޓީން ގަތުމަށް ނިންމި ވެންޓިލޭޓަރުގެ ބްރޭންޑާއި އެއްބަސްވުމުގައި ހިމަނާފައިވާ ބްރޭންޑް ތަފާތުވުމާއި ވެންޓިލޭޓަރުތަކުގެ ތެރެއިން ބައެއް ފޯރުކޮށްދީފައިވާއިރު އެ ވެންޓިލޭޓަރުތައް ބަލައިނުގަތުމަށް ފަންނީ ޓީމަކުން ލަފާދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައި ކުރުމާ ބެހޭގޮތުން އެގްޒެކިއުޓާސް އާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ %75 ދައްކާތާ 29 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނިންމަން ޖެހެއެވެ. އެގޮތުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އޭޕްރީލް ދޭއްގައި އެޑްވާންސް ޕޭމަންޓް ދައްކާފައިވީ ނަމަވެސް އޮގަސްޓް ހަވަނަ ދުވަހާ ހަމައަށްވެސް ވެންޓިލޭޓަރުތައް ހަމައަށް ފޯރުކޮށްދީފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި އިތުރަށް ވަނީ އެގްޒެކިއުޓާސްއާއެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރު ކަމަށާއި އެ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސްއާއެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާއަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީން ދިވެހި ބައެއް ކުންފުނިތަކާއެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއް ކަމަށެވެ.

ޕީޕީއީ ހޯދުމަށް ޖުމްލަ 32.9 މިލިއަން ރުފިޔާ، ހެލްތު މިނިސްޓްރީން އެސްޓީއޯއަށް އެޑްވާންސްކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ތަކެތި މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.