އައްޑޫ ސިޓީ ހިތަދޫގައި ހޯމް ކަރަންޓީންގައި ހުރި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، މާލެއިން ހިތަދުއަށް ގޮސް ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަކުރުމަށް ފަހު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލުންނެވެ.

މީގެ ކުރިންވެސް ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ހިތަދޫގެ އިތުރުން މިއަދު ވަނީ ނ. މިލަދޫ، އދ. މާމިގިލި، ކ. ހިންމަފުށި، ފ. ނިލަންދޫ އަދި ރ. ހުޅުދުއްފާރުން ވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެ އެންމެންނަކީ ވެސް މާލެއިން ގޮސް ހޯމް ކަރަންޓީނު ފުރިހަމަކުރަމުންދިޔަ މީހުންނެވެ.

މި ފަހަކަށް އައިސް، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަަދަދު ދަނީ އިތުރުވަމުންނެވެ. އަދި ހޯމް ކަރަންޓީންގައި ތިބޭ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރުވެސް ވަނީ ކުރިއާ އަޅާބަލާއިރު އިތުރުވެފައެވެ.