ސިޔާސީ މީހުން ޖަލަށް ނުލައި، ސިޔާސީ ހަމަޖެހުމާއި ރައްކާތެރިކަމާއި މަސްލަހަތު މި ސަރުކާރުން ގާއިމުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ޖަލަށް ލާފައިވަނީ ބެރިކޭޑެއް އެއްލާލައިގެން ކަމަށާއި އިދިކޮޅުން އެންމެ ފަހުން ބޭއްވި މުޒާހަރާތަކުގައި އެތައް ބެރިކޭޑްތަކެއް އެއްލާލާފައިވީ ނަމަވެސް ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށެވެ.

"އިހަށްދުވަހު ކުރި މުޒާހަރާތަކުގައި ކިތައް ބޭފުޅުން ކިތައް ބެރިކޭޑްތޯ އެއްލައިލީ. އުސޫލެއްގެ ގޮތުން ޖަލަށް ވެސް ލާން ޖެހޭ ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެންގެ ސިޔާސީ ބަހުރުވައިން ހަން އެއަށްވުރެ ބޯވީމަ އަޅުގަނޑުމެން ވަރަށް ކެތްތެރިކޮށް މިތިބީ. ސިޔާސީ ހަމަޖެހުމާއި ރައްކާތެރިކަމާއި މަސްލަހަތު އަޅުގަނޑުމެން ގާއިމުކުރާނަން، ސިޔާސީ މީހުން ޖަލަށް ނުލައި،" މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ގާނޫނު ތަންފީޒުކުރުމަށް އުސޫލުތައް ހިފެހެއްޓުމަކީ ވެސް އޮތް ކަމެއް ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކުރާ އިރުވެސް ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އެކަންކަން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސިޔާސީ ހަމަޖެހުމާއި ދާހިލީ ސަލާމަތްތެރިކަން ގާއިމުކުރެވޭނީ ސިޔާސީ ވެރިން ހައްޔަރުކޮށްގެން ކަމަކަށް މި ސަރުކާރުން ގަބޫލު ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

"ސިޔާސީ ވެރިން ހައްޔަރުކޮށްގެން ވަގުތީ ސްޓެބިލިޓީއެއް ގެނެވުނު ކަމަށްވިޔަސް، އެއީ ދާއިމީ ކަމަކަށް ނުވާނެ. އެހެންވީމާ ސިޔާސީ ވާދަވެރިންނާ އެކުގައި އިޖުތިމާއީ އަދާލަތާއި ހަމަހަމަކަމާއެކުގައި ފުރިހަމައަށް ވާދަކުރެވޭ ނިޒާމެއް އޮވެގެން ސިޔާސީ ރިވެތި އަހުލާގާ އެކުގައި މަސައްކަތްކުރާ ނިޒާމެއް ގާއިމުކުރުން އެއީ ގައުމެއްގެ ފުރިހަމަ ހަމަޖެހުމާއި މަސްލަހަތު ދެމިއޮންނާނެ ގޮތަކީ. ހަރުދަނާ ސިޔާސަތުތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުންނަށް ހަރުދަނާ ސިޔާސަތުތައް ދައްކައިގެން، ސިޔާސަތު ވިއްކައިގެން، ސިޔާސަތު ގަބޫލުކޮށްދީގެން ގެނެވޭ ސްޓެބިލިޓީ އެއީ ހަގީގަތުގައި ގައުމެއްގައި ރައްޔިތުންނަށް ދާއިމަށް މަންފާވާ ސްޓެބިލިޓީއަކަށް ވާނީ. އެހެންވީމާ އެ ސިޔާސަތު އަޅުގަނޑުމެން ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ ސިޔާސީ މީހުންގެ މައްޗަށް މި ސަރުކާރުން ސިޔާސީ ދައުވާއެއް ނުކުރާނެ ކަމަށާއި އިންސާފުވެރި، ވާދަވެރި، ރިވެތި އަހުލާގު އޮންނަ ސިޔާސީ ވާދަވެރި މާހައުލެއް ރާއްޖޭގައި އޮންނަން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރު އެކަމަށް ފުރުސަތު ދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ އިންސާފާއި ހަމަ ގަބޫލުކުރާ ޒިންމާދާރު، ވާދަވެރި ސިޔާސީ ފަރާތްތަކަށް، ޕާޓީތަކަށް އެ ފުރުސަތު ގާއިމުކޮށްދީގެން ހަމަހަމަކަމާއި އިންސާފުވެރިކަމާއި އަދި ޒާތީ މަސްލަހަތުތަކުން އެއްކިބާވެފައިވާ، ރައްޔިތުންގެ މަސްލަހަތާއި ރައްޔިތުންގެ ފައިދާއަށް އިސްކަންދޭ ސިޔާސީ މަސައްކަތް ރާއްޖޭގައި ގާއިމުވެފައި އޮތުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑު ގަބޫލުކުރާ ސިޔާސީ މަސައްކަތަކީ. ޒާތީ ކަންތައްތަކާއި ނޭއްގާނީ ވިސްނުންތަކާއި ރައްޔިތުންނަށް މަކަރާއި ހީލަތް ހަދައިގެން ހިންގޭ ސިޔާސަތަކުން ފައިދާއެއް ނުކުރާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ސިޔާސީ މީހުންގެ މައްޗަށް މި ސަރުކާރުން ސިޔާސީ ދައުވާއެއް ނުކުރާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވެފައިވީ ނަމަވެސް، ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. ރައީސް އަބްދުﷲ ޔާމީން މިހާރު ވެސް ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އޭގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރާ ހިޔާނާތުގެ ދެ ދައުވާގެ ޝަރީއަތް މިއަދު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.