ސްޕެއިންގެ ބާސެލޯނާ ލަދުގަންނަވައިލުމަށްފަހު ޖަރުމަނުގެ ބަޔާން މިއުނިކުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ބަޔާނުން ސެމީގެ ޖާގައެއް ކަށަވަރުކުރީ ޕޯޗުގަލްގެ އެސްޓޭޑިއޯ ޑަ ލުޒްގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ މެޗުގައި 8-2ގެ ނަތީޖާއަކުން ބާސާ ބަލިކޮށްގެންނެވެ.

އެ މެޗުގެ ހަތަރުވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ރޮބާޓް ލެވަންޑޯސްކީ ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން ފޯވަޑް ތޯމަސް މުލާއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މުލާއަށް ލިބުނު ބޯޅަ އޭނާ ވަނީ ބާސާ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިފައެވެ.

ބަޔާނުން ލީޑު ހޯދިތާ ތިން މިނެޓުގެ ތެރޭގައި ބާސާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑަކީ ބަޔާނުގެ ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަލަބާ އަތުން އެ ލަނޑު ބައިކޮޅަށް ވަދެފައިވަނީ ބާސާގެ ޔޯޑީ އަލްބާ ދިން ބޯޅަ ލުއިސް ސުއަރޭޒަށް ލިބުމުގެ ކުރިން ބަޔާނުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.

އެ ލަނޑަށްފަހު ވެސް ބާސާއަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި ހުސްކޮށް ހުރެ ސުއަރޭޒް ފޮނުވާލި ހަމަލާއެއް ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ މަތަކުރި އިރު، އޭގެ މިނެޓެއް ފަހުން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ބަޔާނުގެ ގޯލުގެ އަރިމަތީ ދަނޑިއަކަށެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ސާޖް ގްނަބްރީ ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ޕެރިސިޗްއެވެ. އޭނާ އެ ލަނޑު ކާމިޔަބުކުރީ ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހައި ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. ލިއޯން ގޮރެޓްޒްކާ ދިން ރީތި ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު ގްނަބްރީއެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ބަޔާނުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ޖޯޝުއާ ކިމިކް ނަގައިދިން ހުރަހަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މުލާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-1ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ބާސާއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަލްބާ ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ ތަރި ލުއިސް ސުއަރޭޒެވެ. ނަމަވެސް މެޗުގެ 63 ވަނަ މިނެޓުގައި ބަޔާނުން ވަނީ އަލުން ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. އަލްފޮންސޯ ޑޭވީސް ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިކްއެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ބަޔާނުން ވަނީ ފަސް ލަނޑުގެ ލީޑެއް ހޯދައިފައެވެ. ފިލިޕް ކުޓީނިއޯ ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީއެވެ. އެ ލަނޑު ޖެހި އިރު، ލެވަންޑޯސްކީ އޮފްސައިޑުގައި ހުރިތޯ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލި ނަމަވެސް އެއަށްފަހު ރެފްރީ ނިންމީ އެއީ ލަނޑެއްގެ ގޮތުގައެވެ.

މެޗުގެ ފަހު ފަސް މިނެޓުގައި ބަޔާނުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ބަޔާނަށް އެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކުރިން ބާސާއިން ފެނިގެންދިޔަ ބްރެޒިލް މިޑްފީލްޑަރު ކުޓީނިއޯއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ކުޓީނިއޯ ޖެހި ލަނޑަކީ މުލާ ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް، އޭނާ ޖެހި ލަނޑަކީ ލޫކަސް ހެނާންޑޭޒް ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

ބަޔާން އަތުން ބާސާ ބަލިވުމާއެކު މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ބާސާގެ ލިއޮނެލް މެސީ އާއި ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެއް ވެސް ނުފެންނާނެއެވެ. މިއީ 2006 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ސެމީ ނުވަތަ ފައިނަލެއްގައި އޭގެން ކުޅުންތެރިޔަކު ނުފެންނާނެ ފުރަތަމަ ފަހަރެވެ.

ކޮވިޑާ ގުޅިގެން މެދުކަނޑާލި މުބާރާތްތަކުގެ ތެރޭގައި ޔޫރޮޕާ ލީގު ވެސް ހިމެނެއެވެ. ކޮވިޑުގެ ހާލަތުގެ ކުރިން މުބާރާތުގެ ފޯމެޓުގައިވާ ގޮތުން ފައިނަލާ ހަމައަށް ދެ ލެގު ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، ކުއާޓާ ފައިނަލުން ފެށިގެން ކުޅުމަށް ހަމަޖައްސާފައިވަނީ އެއް ލެގެވެ.

މިމަހުގެ 19 ވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ސެމީގައި ބަޔާން ނުކުންނަން ޖެހޭނީ މިރޭ 12:00ގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި ފްރާންސްގެ ލިޔޯން ބައްދަލުކުރާ ކުއާޓާގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މުބާރާތުގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު ބައްދަލުކުރާނީ ޖަރުމަނުގެ ލެއިޕްޒިގް އާއި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އެވެ.