ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.
މިކަން ހާމަކުރައްވާފައިވަނީ މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާއެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލެއްގަ އެވެ.
އިންޑިއާ އިން މާލީ އެހީގެ އާ ޕެކޭޖެއް ދޭން ނިންމާފައިވާކަން އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު ވަނީ މިދިޔަ މަހުގެ ތެރޭގައި ހާމަކުރައްވައިފަ އެވެ. ނަމަވެސް ދޭން ނިންމާފައިވަނީ ކިހާ އަދަދެއް ކަމެއް އޭނާ އޭރު ވިދާޅެއް ނުވެއެވެ.
އިންޑިއަން ހައި ކޮމިޝަނުން ބުނީ މިނިސްޓަރު ޝާހިދާއި މިނިސްޓަރު ޖައިޝަންކަރު ބޭއްވި ކޮންފަރެންސް ކޯލުގައި ކޮވިޑުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ކޮށްފައިވާ ގެއްލުންތަކުގެ ސަބަބުން ރާއްޖެއަށް ކުރިަމތިވެފައިވާ އިގްތިސާދީ އަދި ބަޖެޓުގެ ދަތިތަކާމެދު ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އެގޮތުން އިންޑިއާ ސަރުކާރުން ދޭން ނިންމި 250 މިލިއަން ޑޮލަރުގެ މާލީ އެހީއަކީ ލިކުއިޑިޓީ އާއި ބަޖެޓް ސަޕޯޓެގެ ގޮތުގައި އާއި އެކްސްޗޭންޖް ރޭޓަށް އަންނަ ފްލަކްޗުއޭޝަން ކޮންޓްރޯލް ކުރުމަށް ދެވޭ އެހީއެއް ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނެ އެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަން" އަށް ވިދާޅުވީ ފަސް އަހަރު ފަހުން ދައްކަން ފަށައި 20 އަހަރުދުވަހުގެ ތެރޭގައި ހަލާސް ކުރަން ޖެހޭ މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓް ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް އާ މާލީ ޕެކޭޖެއް ދޭން ނިންމައިފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުން ވަނީ ރާއްޖެއަށް 800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް ހަމަޖައްސައިދީފަ އެވެ.
މި ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ހުށަހަޅާ މަޝްރޫއުތަކަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ދޫކުރާނެ އެވެ. މި ލޯނުތަކަކީ ވެސް ފަސް އަހަރު ފަހުން ދައްކަން ފަށައި 15 އަހަރުދުވަހުގެ ތެރޭގައި ހަލާސް ކުރަން ޖެހޭ ލޯނުތަކެކެވެ. މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.
ކޮވިޑާ ގުޅިގެން އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް މިއަހަރު އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި ނުވަ ދިވެހިން ރާއްޖެ ގެނެސްދިނުމާއި އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސްދިނުމަށް އެހީތެރިވުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިނުން ހިމެނެ އެވެ.
އޭގެ އިތުރުން އިންޑިއާގެ މެޑިކަލް ޓީމަކުން ރާއްޖެއަށް އައިސް، ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށް ދީފައިވާއިރު މިހާރުވެސް އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވުމާއެކު، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ކްރިޓިކަލް ޕޭޝަންޓުންނަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އިންޑިއާއިން ވަނީ ފަހިކޮށްދީފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު