ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 21 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 9:20 ގައި މަރުވެފައިވަނީ 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށް ވެސް އެ އެޖެންސީން ބުނެ އެވެ.
މިއީ ކޮވިޑް19ގައި މިހާތަނަށް ރާއްޖޭގައި މަރުވި 21 ވަނަ މީހާއެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި މަރުވި ދެ ވަނަ މީހާ އެވެ.
މިހާތަނަށް މިބަލީގައި މަރުވެފަައިވަނީ 16 ދިވެހިންނާއި 5 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. އަދި މިއަދު މަރުވި މީހާއަކީ މިމަހުގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ފަސް ވަނަ މީހާ އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓި ވި މީހުންގެ ޖުމުލަ އަދަދު ވަނީ 5223 އަށް އަރައިފަ އެވެ.