ކުޅިވަރު

ކުޅިވަރުތައް ކުޅުން އެޗްޕީއޭއިން މަނާކޮށްފައިވާތީ ގައުމީ ޓީމްތަކުގެ ޕްރެކްޓިސްތައް މެދުކަނޑާލައިފި

އައިދާ އަބްދުލް ހަކީމް

އަނެއްކާވެސް ކޮވިޑް 19 ފެތުރެމުންދާތީ ކުޅިވަރުތައް ކުޅުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަނާކޮށްފައިވާތީ ގައުމީ ޓީމްތަކުގެ ޕްރެކްޓިސްތައް މެދުކަނޑާލައިފި އެވެ.

ތިން މަސްދުވަހަށް ކުޅިވަރުތައް މެދުކަނޑައިލުމަށްފަހު ގައުމީ ޓީމްތަކުގެ ޕްރެކްޓިސްތައް އަލުން ފަށައިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ނަމަވެސް އަނެއްކާވެސް ކުޅިވަރުތައް މެދުކަނޑައިލުމަށް އެޗްޕީއޭއިން އިއްޔެ ވަނީ އިއުލާނުކޮށްފައެވެ. އެޗްޕީއޭގެ މި އެންގުމަށް ޕްރެކްޓިސްތައް މެދުކަނޑައިލަން އިއުލާނުކޮށްފައިވާ ކުޅިވަރުތަކުގެ ތެރޭގައި ފުޓްބޯޅަ، ކްރިކެޓް، ބެޑްމިންޓަން އަދި ސްވިމިން ހިމެނެއެވެ.

އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެއްވެސް ކުޅިވަރު ޓީމެއް ނުވަތަ މުބާރާތް ފަދަ އެއްވެސް ކުޅިވަރެއް ކުޅުމަށް އެއްވުމަކީ މަނާކަމެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ދާދި ފަހުންވެސް މާލޭގެ އަމީނީ މަގުގެ ދަނޑެއްގައި ކުޅިވަރު މުބާރާތެއް ބޭއްވި ކަމަށާއި އެހެންނަމަވެސް ގިނަ މީހުން އެއްވެގެން ބާއްވާ މިފަދަ އެއްވެސް ކުޅިވަރުގެ ހަރަކާތެއް ދެން ނުބޭއްވޭނެ ކަމަށާއި އެކަން މަނާވީ ކަމަށެވެ. އެފަދަ އިވެންޓުތައް ކުރިޔަށް ދާނަމަ ފުލުހުން އެކަން ހުއްޓުވާނެ ކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ.

އެޗްޕީއޭއިން މި ފިޔަވަޅު އެޅީ މާލޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރޭތީ އާއި ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދުތައް އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުންނެވެ.