ކުރިޔަށް އޮތް ދެ ހަފުތާގައި މާލޭގެ ސްކޫލުތައް ނުހުޅުވަން ނިންމައިފި އެވެ.
އީދު ބަންދާއި، މިޑް ޓާމު ބަންދަށްފަހު މިމަހު ނުވަވަނަ ދުވަހުން ފެށިފެން މާލޭގެ ސްކޫލުތައް ހުޅުވައި ކިޔެވުން ފެށުމަށް ވެސް މީގެ ކުރިން އޮތީ ހަމަޖެހިފައެވެ.
"ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑައިލުމަށް ފަހު 2020 ޖުލައި 1 ގައި ވަނީ މާލެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދޭން ފަށައިފައެވެ. މާލޭ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9 އިން 12) އަށެވެ. މީގެ އިތުރުން ގްރޭޑް 7 އަދި 8 ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި މިމަހުގެ 16 ގައި ފެށުމަށް އޮތީ ނިންމައިފައެވެ. އީދު ބަންދާއި މިޑްޓާމް ބަންދަށް ސްކޫލްތައް ބަނދު ވުމަށްފަހު އަލުން ހުޅުވުމަށް ހަމަޖައްސައިފައިވާ ތާރީހަކީ، މިހިނގާ އޮގަސްޓްމަހުގެ ނުވަ ވަނަ ދުވަހުއެވެ" އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ނަމަވެސް އެޑިއުކޭޝްގެ މި ބަޔާނުގައި ބުނީ، ކޮވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެމަތިން ކުރިއަށް އޮތް ދެ ހަފުތާއަށް ސްކޫލް ދަރިވަރުން މިމަހު ނުވަޔަކުން ފެށިގެން 19 އަށް މާލޭ ސީޓިގެ ސްކޫލްތަކަށް ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސްކޫލަށް ދަރިވަރުން ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެ ކަމަށާއި ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭ ގޮތަށް ބަލައި، މިނިންމުން މުރާޖައާ ކުރާނެ ކަމަށެވެ.
ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނަކަށްވާއިރު، ސްކޫލަށް ހާޒިރުވެ އުނގެނޭ އުނގެނުމުގެ ފައިދާއަކީ އެހެން އެއްވެސް ގޮތަކުން ލިބިގަނެވޭނެ އެއްޗެއް ނޫންކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންނަމަވެސް މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަމެއްދޭނީ ދަރިވަރުންގެ ސިއްހަތަށް ކަމުން ކޮވިޑް 19 މިހާރުގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު، ދަރިވަރުން އާއިލާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރި ގޮތްކަމަށް ދެކޭ ކަމަށްވެސް ބުނެފައި ވެއެވެ.
ގޭގައި ދަރިވަރުން ތިބޭއިރު، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުންދޭ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށްވެސް ބުނެފައި ވެއެވެ.
ސްކޫލް ކުދީން
ސްކޫލް ކުދީން
ސްކޫލް ކުދީން