މާލޭގައި ކުރާ ކަށުނަމާދުތައް ގައިދުރުކޮށްގެން ކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ވަނީ މާލޭ ސަރަހައްދުގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަމާއި ކަށުނަމާދު ކުރާނެ އުސޫލުތަކެއް ހިމަނައިފައެވެ. އެގޮތުން މާލޭގައި ކަށު ނަމާދު ކުރާނީ މަސްޖިދުއް ތައާވުނި (އާސަހަރާ މިސްކިތް) ގައެވެ. އަދި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ ކަށުނަމާދު ކުރާނީ ހުޅުމާލެ ސަހަރާ ގޯތިތެރޭ (ހިނަވާގެ ފެންޑާ) ގައެވެ.
ސިޓީ ކައުންސިލުން ބުނީ އާސަހަރާ މިސްކިތުގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުގެ ޖަމާއަތާ ދިމާނުވާ ގޮތަށް، ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑިއިރު ފަހުން ކަމަށެވެ. އަދި ކަށުނަމާދުގެ ޖަމާއަތުގައި މީހުން ތިބެން ވާނީ ދެމީހުންގެ ދޭތެރޭގައި ހުސް ޖާގައެއް އޮންނަ ގޮތަށް ކަމަށްވެސް އިއުލާނުގައިވެއެވެ.
އިއުލާނުގަ އިވަނީ މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު، ވީއެންމެ އަވަހަކަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށާއި މައްޔިތާ އަވަހަށް ވަޅުލުމަށް އާއިލާގެ ފަރާތުން ވަރަށް އިސްކަން ދޭންވާނެ ކަަމަށެވެ. އަދި މައްޔިތާ ހިނަވާގޭގައި ބޭއްވޭނީ ގިނަވެގެން ތިން ގަޑިއިރު ވަންދެން ކަމަށެވެ.
މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށް ޒިޔާރަތް ކުރައްވާ ފަރާތްތަކުން، ހިނަވާގެ އެތެރެ އާއި ސަހަރާގެ ގޯތިތެރޭގައި އުޅޭއިރު، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އަންގައިފައެވެ.
މާލޭގައި ކުރާ ކަށުނަމާދުތައް ގައިދުރުކޮށްގެން ކުރުމަށް އަންގާފައިވާ އިރު، އެހެން ނަމާދުތައް ގައިދުރުކޮށްގެން ކުރުމަށް އަންގައިފައެއް ނުވެއެވެ. ހުކުރު ނަމާދާއި އީދު ނަމާދު ވެސް ކޮށްފައިވަނީ އާންމުކޮށް ސަފު ހަދާ އުސޫލުން ގައިދުރުނުކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު