ކޮވިޑް 19

އަހަރު ނުފުރޭ ދެ ކުއްޖަކު މިދިޔަ ހުކުރު ދުވަހު ކޮވިޑަށް ޕޮޒިޓިވް ވެފައިވޭ: އެޗްޕީއޭ

1

އަހަރު ނުފުރޭ ދެ ކުއްޖަކު މިދިޔަ ހުކުރު ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވް ވެފައި ވަނީ ނުވަ މަހުގެ ފިރިހެން ކުއްޖަކާއި ހަ މަހުގެ އަންހެން ކުއްޖެއް ކަމަށެވެ.

މީގެ ތެރެއިން ނުވަ މަހުގެ ތުއްތު ކުއްޖާއަކީ ކުލަސްޓާއަކާ ގުޅުން ހުރި ކުއްޖެކެވެ. އެކުއްޖާ ނިސްބަތްވާ "އެޗްއާރުޒެޑް" ކުލަސްޓާއިން މިދިޔަ ހުކުރު ދުވަހު ފަސް މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އޭގެ ތެރޭގައި ތިން އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. ހަ މަހުގެ ތުއްތު ކުއްޖާއަކީ އެއްވެސް ކުލަސްޓާއަކާ ގުޅުމެއް ނެތް، އިންޑިޕެންޑެންޓް ކޭސް އެކެވެ.

އެޗްޕީއޭގެ ޑޭޝްބޯޑަށް ބަލާއިރު މިހާތަނަށް 10 އަހަރުން ދަށުގެ 189 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.

ރާއްޖެއިން އިއްޔެ ވަނީ 156 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާއި ބަންގްލަދޭޝް 20 މީހުންނާއި އިންޑިއާ މީހަކާއި ސްރީލަންކާގެ މީހެކެވެ.