ކުއްލި ޚަބަރު

އިންސްޕެކްޝަނުގައި ގަވައިދަށް ނުފެތޭ އިތުރު 40 ތަނެއް ބަންދުކޮށްފި

އަލީ ޔާމިން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދާ އިންސްޕެކްޝަނުގައި ގަވައިދަށް ނުފެތޭ އިތުރު 40 ތަނެއް ބަންދުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިއަދު ކުރިއަށްގެންދިޔަ އިންސްޕެކްޝަންގެ ތެރެއިން 189 ތަނެއް ބަލައިފައިވާ ކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ 62 ތަނަކާއި، 13 ސެލޫނެއް، 113 ފިހާރައާއި އެއް މާރުކޭޓް އިންސްޕެކްޓް ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މީގެ ތެރެއިން 40 ތަނެއް މިއަދު ބަންދު ކުރެވުނު. އެއީ އަޅުގަނޑުމެންގެ ގަވައިދުތަކާއި އެއްގޮތަށް އެތަންތަން ނެތީމަ. މި 40 ތަނުގެ ތެރޭގައި 9 ސެލޫން، 14 ފިހާރަ، ކާބޯތަކެތީގެ ހިދުމަތްދޭ 16 ތަނެއް އަދި އެއް މާރުކޭޓް ހިމެނޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، މިހާތަނަށް އެޗްޕީއޭއިން އިންސްޕެކްޓް ކުރި ތަންތަނުގެ ތެރެއިން ދެބައިކުޅަ އެއްބައި ތަންތަން ބަންދު ކުރަން ޖެހިފައިވާ ކަމަށާއި، ނަމަވެސް ބަންދުކުރި ގިނަ ތަންތަނުން މިހާރު ގަވައިދާ އެއްގޮތަށް ކަންކަން ރަނގަޅުކޮށްފައިވާ ކަމަށެވެ.

މީގެ ހަތަރު ދުވަސް ކުރިން ފެށި އިންސްފެކްޝަންގައި އުސޫލުތަކަށް ނުފެތޭ ތަންތަން ވަގުތުން ބަންދު ކުރެއެވެ. ފުރަތަމަ ދުވަހު 27 ތަނެއް ބަންދުުކުރިއެވެ. ދެވަނަ ދުވަހު 50 އަދި އިއްޔެ ތިން ތަނެއް ބަންދު ކުރިއެވެ. މާދަމާވެސް އިންސްޕެކްޝަންގެ ކުރިއަށް ގެންދާނެއެވެ.

ކޮވިޑް 19ގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ބަންދުކުރުމަށްފަހު އެތަންތަން އަލުން ހުޅުވައި ހިދުމަތްދޭން ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށްފަހުއެވެ.