ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހާއްސަ މުޝީރުގެ މަގާމަށް އައްޔަނު ކުރެއްވި ދިވެހިބަހާއި ސަގާފަތާބެހޭ ކުރީގެ މިނިސްޓަރު އާދަމް ނަސީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމަށް ކުރީގެ ވަޒީރު އާދަމް ނަސީރު އިއްޔެ އައްޔަން ކުރެއްވީ ސަރުކާރުގެ އިސް މަގާމުތަކަށް ގެންނަވަމުން ގެންދަވާ ބަދަލުތަކުގެ ތެރެއިންނެވެ.

މިދިޔަ އޭޕްރީލް މަހު ކެބިނެޓުގެ ގިނަ ވަޒީރުންތަކެއް އެއްފަހަރާ އިސްތިއުފާ ދެއްވި ދުވަހު އާދަމް ނަސީރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ އާދަމް ނަސީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވި ކެބިނެޓުގެ އެހެން ބޭފުޅުންނަށް ވެސް ސަރުކާރުން ވަނީ މުހިންމު މަގާމުތައް ދެއްވައިފަ އެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިހާރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. މީގެ އިތުރުން ލޯކަލް ގަވަމަންޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް އަދި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ކަމަށް ވަނީ ހަމަޖައްސައިފައެވެ.