ލ. އަތޮޅު ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ތުނޑީ އަވަށު ބަނދަރުގައި އޮތް "ޕޮލިސް ލޯންޗް 34" ގައި މާޗު މަހުގެ 22 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރޯކޮށްލި މައްސަލައިގައި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ ލ. ގަން، ތުނޑި، ކަޅައިދޫފިނިހިޔާގެ މޫސާ އިނާސް އާއި ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް ކުރަނީ ޓެރަރިސްތް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ އެވެ. އެ ދައުވާ ދެ މީހުން މައްޗަށް ވެސް ކުރަނީ ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1-16 ވަނަ މާއްދާގެ (ހ)ގެ ފަސް ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުންނެވެ.
ޕީޖީ އޮފީހުން ބުނީ، މޫސާ އިނާސްގެ މައްޗަށް އެ ދައުވާ ކުރާ ސަބަބަކީ އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު، ފެނުނު ލެޕްޓޮޕެއްގެ ހާޑްޑިސްކު ތަހުލީލުކުރި އިރު އިސްލާމިކް ސްޓޭޓާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވުމެވެ.
އަބްދުއްލަތީފު އިބްރާހިމްގެ މައްޗަށް ދައުވާ ކުރާ ސަބަބަކީ އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު، ފެނުނު ހާޑްޑިސްކު ތަހުލީލުކުރި އިރު ޖަބްހަތުއް ނުސްރާ އާއި އަލް ގައިދާއަށް ތާއިދުކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވުމެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އެއިން ކޮންމެ މީހެއްގެ މައްޗަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު