މަޖިލީހުގެ ރައީސް

ރާއްޖެ އަލުން ބަންދު ކުރުމުގެ ވިސްނުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް ދެކެވޭކަށް ނެތް: މަޖިލިސް ރައީސް

ރާއްޖެ އަލުން އަނބުރާ ބަންދުކުރުމުގެ ވިސްނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ދެކެވޭކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ގިނަވެ، އިއްޔެ ވެސް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވުމުން އެކަމާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ފިޔަވަޅުތައް ހަރުކަށިކޮށް އަލުން އަނބުރާ ލޮކްޑައުން އަކަށް ދިއުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް ރޯގާއާއެކު އުޅެވޭނެ ގޮތް ހޯދަން ޖެހޭ ކަމަށެވެ.

"ރާއްޖެ އަލުން އަނބުރާ ބަންދުކުރުމުގެ ވިސްނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ދެކެވޭކަށް ނެތް. ކޮވިޑް ރޯގާއާއެކު އުޅެވޭނެ ގޮތް ހޯދަން ޖެހޭ. ރޯގާއިން ސަލާމަތް ވުމަށްޓަކައި ގައުމު ބަންދުކޮށް ރައްޔިތުން ބަނގުރޫޓުވުމަށް ޖާގަ ދީފިނަމަ ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ،" ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، މިމަސް ފެށުނުއިރު ރާއްޖޭގައި ކޮވިޑު ޖެހުނު ޖުމުލަ އަދަދު 1954 ގައި ހުރި ނަމަވެސް މިވީ 29 ދުވަސް ތެރޭގައި އެ އަދަދު ވަނީ 3506 އަށް އުފުލިފަ އެވެ. އަދި އިއްޔެ އެކަނިވެސް ރާއްޖޭގައި 137 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 92 މީހުންނަކީ ދިވެހިންނެވެ.

ކޭސްތައް އިތުރުވަމުން ދާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އިންވެސް ވަނީ، ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލުގެނެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބުނެފަ އެވެ.