ސަރުކާރު އިސްތިއުފާދިނުމަށް ގޮވާލައި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅައިލުމަށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކުރި މައްސަލަ އެ ކޯލިޝަނުން ކުށްވެރި ކޮށްފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ރޫޅައިލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން އެއްވެސް އިންޒާރެއް ދިނުމެއް ނެތި ބާރުގެ ބޭނުން ކޮށްފައިވަނީ ގާނޫނުން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުންކޮށް، ޝުއޫރު ފާޅު ކުރަމުން ގެންދަނިކޮށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
"2020 ޖުލައި 28 ވަނަ ދުވަހުގެ ރޭ މާލޭގައި ދިވެހި ރައްޔިތުންގެ ބަޔަކު އިސްވެ ތިބެ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖެހި މައްސަލަ މި ކޯލިޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ."
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ރޭގެ މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ޖެހުމަށްފަހު އިހުތިޖާޖުގެ ބައިވެރިން އަނިޔާވެރިކޮށް ހައްޔަރު ކުރި ކަމަށް ބުނެފައެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރޭ އެ ކޯލިޝަންގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހިމެނޭ ކަމަށް ބުނެފައެވެ. ރޭގެ މުޒާހަރާގައި ހައްޔަރު ކުރި މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލާފައި ވެއެވެ.
މީގެ އިތުރުން ރޭގެ އިހުތިޖާޖުގެ ބައިވެރިން ދުރަށް ޖެއްސުމުގައި ފުލުހުން ހަރަކާތްތެރިވި އިރު، އިހުތިޖާޖުގެ ބައެއް ބައިވެރިންނަށް އަނިޔާވެފައިވުމުން އެ ކޯލިޝަނުން ވަނީ އެކަންވެސް ކުށްވެރި ކޮށްފައެވެ. އަނިޔާ ލިބުނު މީހުންތެރޭ ޕީޕީއެމްގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް ވަރަށް ބޮޑަށް އަނިޔާވެ، ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފައި ވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލައިފައެވެ.
ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޗާންދަނީ ޖަންގްޝަންގައި މުޒާހަރާ ފަށާފައިވަނީ ރޭ 8:30 ހާއިރެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރާ ދެކޮޅު ލިޔުންތައް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެން ތިބެ އަޑުގަދަކުރާއިން ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން އެއްވުމުގެ ބައިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުޅި ސަރުކާރު ފެއިލް ވެއްޖެ ކަމަށް ބުނެ، ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ. އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށާއި ރާއްޖޭގައި އިތުރު ގައުމެއްގެ މީހުންނަށް ޖާގަ ނުދިނުމަށާއި ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ސަރުކާރުން ހިމާޔަތް ދެމުންދާ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.
އިދިކޮޅު ކޯލިޝަން
އިދިކޮޅު ކޯލިޝަން