ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދުގެ ސަރުކާރު ކޯލީޝަން އޮތީ، މިހާރު ބަނޑު ދަމާލައިގެން ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާޑު ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ކުރައްވާ ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާ މެއިންޑޭޑަކާއެކު ސަރުކާރެއް އައިސްގެން ނޫނީ ގައުމަށް ދިމާވެފައިވާ މާޔޫސްކަމުން އަރައިނުގަނެވޭނެ ކަމަށެވެ. އަދި ރައްޔިތުންވެސް އެނޫން ގޮތެއް ގަބޫލު ނުކުރާކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވެފައިވާއިރު، ކޯލީޝަން ޕާޓްނަރުންނާއެކު ސަރުކާރު ބަރާބަރަށް ކުރިއަށްދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިދިކޮޅުން ވަނީ ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ފަށައިފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ރޭ ވަނީ މުޒާހަރާ ކޮށްފައެވެ.

އެފަދަ އިތުރު މުޒާހަރާތައްވެސް ކުރިޔަށް ގެންދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.