ގެސްޓްހައުސްތައް އަންނަ މަހު ނުހުޅުވާން ސަރުކާރުން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ނެރެފައިވާ "ސޭފް ޓުއަރިޒަމް ގައިޑްލައިން" ގައިވާ ގޮތުން ގެސްޓްހައުސްތައް ހުޅުވާލަން ނިންމާފައިވަނީ އަންނަ މަހު ތެރޭގަ އެވެ.

ނަމަވެސް އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކު އަދި ހއ. އިހަވަންދޫގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާރު ބަލި ފެތުރެމުންދާ ނިސްބަތާއި މިހާރުގެ ހާލަތައް ބަލާފައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށާއި އެގޮތުން އޮގަސްޓް މަހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގެސްޓްހައުސްތައް ނުހުޅުވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

"އޮގަސްޓް މަހުގެ 15 ގައި އަޅުގަނޑުމެން އަލުން ރިވިއުކޮށްފައި ގެސްޓްހައުސްތައް އަލުން ހުޅުވޭނީ ކޮން ހިސާބެއްގައިކަން އަޅުގަނޑުމެން އިއުލާން ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، މިހާރު ބަލި ފެތުރެމުންދާ ނިސްބަތާއި އަތޮޅު ތެރެއިން ބަލި ފެންނަމުން އަންނަ ނިސްބަތަށް ބަލާއިރު ގެސްޓް ހައުސްތައް ހުޅުވޭނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކަމާގުޅޭ މައުލޫމާތުތައް ހިއްސާ ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވަނީ މިއަހަރުގެ އީދު ޗުއްޓީގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި ހާއްސަކޮށް މާލެއިން ރަށްރަށަށް ދަތުރުު ނުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި އީދު ކުޅިވަރުތައް ވެސް އެއްވެގެން ނުބޭއްވުމަށާއި އަދި އަތޮޅުތެރޭގައި ވެސް އެއް ރަށުން އަނެއް ރަށަށް މި ދުވަސްވަރު ދަތުރު ނުކުރުމަށް މިނިސްޓަރު އަމީން އިލްތިމާސް ކުރެއްވި އެވެ.