މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހުންނަވައިގެން ގާނޫނާ އެއްގޮތަށް ކުރިއަށްގެންދެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އޭނާ ވަގުތުން އިސްތިއުފާދެއްވަން ޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފަައިވާ ކަމަށް ބުނެ ބާ ކައުންސިލަށް ވަނީ އަމިއްލަ މީހަކު ޝަމީމުގެ މައްސަލަ ހުށަހަޅައިފައެވެ.

އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޝަމީމްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ހިސާބަށް ގޮސްފައިވާ ކަމަށާއި އޭނާ އެމްއެމްޕީއާރުސީގެ މުޅި މައްސަލައިން ތަނާޒުލްވާންޖެހޭ ކަމަށެވެ.

އަދުރޭ ވިދާޅުވީ ބާ ކައުންސިލަށް ހުށަހެޅި ކަންކަމުގައި ޖިނާއީ ތުހުމަތުތަކެއްވެސް ހިމެނޭ ކަމަށާއި ހަމައެކަނި އެ މައްސަލައިން ހުސެއިން ޝަމީމް ތަނާޒުލްވުމަކުން ނުފުދޭ ކަމަށާއި މިހާރުން މިހާރަށް ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާދޭންޖެހޭ ކަމަށެވެ.

"އިސްތިއުފާ ނުދެއްވައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލީހުން އެބަޖެހޭ ހުސައިން ޝަމީމް އެ މަގާމުން ވަކިކުރަން. ހުސައިން ޝަމީމް އެ މަގާމުގައި ހުރެގެން އެމްއެމްޕީއާރުސީގެ މައްސަލަ ގާނޫނާ އެއްގޮތަށް ކުރިއަށްގެންދެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އަދުރޭ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ މިހާތަނަށް ހިނގާފައި ހުރި ކަންކަމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުވާ ނުއުފުލޭނެކަން މިހާރު ދިވެހި ރައްޔިތުންނަށް ސާބިތުވާނެ ކަަމަށާއި ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫން ކަމަށާއި އަދި އެމަނިކުފާނު ވަގުތުން ދޫކޮށްލަންޖެހޭ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއްވެސް ކުރައްވައިފައެވެ. އެގޮތުން އަދީބާއި ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ޝަމީމް ހުންނަވައި ވަކީލު ފީއެއްގެ ގޮތުގައި ވަރަށް ބޮޑެތި އަދަދުތައް ނަގާފައިވާ ކަމަށް ތުންތުން މަތިން އަޑުއިވިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ފައިސާ ނެގުމަށްފަހު މީހެއްގެ އަތުން ނެގި ލޯނެއް ކަމަށްބުނެ އޮޅުވާލައި މަނީ ލޯންޑާ ކުރުމަށް ބޭނުންކޮށްފައިވާ ކަމަށްވެސް އަދުރޭ ވަނީ ތުހުމަތުކުރައްވައިފައެވެ. އެ ފައިސާ ހޯދާފައިވާ ގޮތާއި މަނީ ލޯންޑާ ކުރުން އެކަމުގައި ހިމެނޭނެ އެކަން ސާފުކޮށްދިިނުމަށް ވެސް އަދުރޭ ވަނީ ގޮވާލައްވައިފައެވެ.

"މިކަމުގެ ސަބަބުން ހުރިހާ އަނިޔާއެއް ލިބިގެންދަނީ މިކަމުގައި ކުށެއް ނެތް މައުސޫމް ބޭފުޅަކަށް. އަޅުގަނޑުމެންގެ ލީޑަރު، ރައީސް އަބުދުﷲ ޔާމީންއަށް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ބާ ކައުންސިލުން މައްސަލަ އަވަހަށް ބަލައި އިންސާފުވެރި ނިންމުމެއް ނިންމުމަށްވެސް ގޮވާލައްވައިފައެވެ. އަދި ބާ ކައުންސިލް އުވައިލަން އުޅޭ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

"މި މައްސަލަ ނިމޭ ގޮތަކުން ބާ ކައުންސިލް އުވައިލަން ވެސް ސަރުކާރުން މަޝްވަރާކުރަމުންދާ ކަަމަށް އަޅުގަނޑުމެންނަށް މައުލޫމާތު އެބަ ލިބޭ، އެބަދޭ. އަޅުގަނޑުމެން ދައުލަތުގެ އެޓާނީ ޖެނެރަލަށް ދަންނަވާލަން ބޭނުންވޭ ބާ ކައުންސިލްގެ މަަސައްކަތަށް ހުރަސް ނާޅުއްވާށޭ. ބާ ކައުންސިލް އެބޭފުޅުންގެ މެންޑޭޓްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަރު ދެއްވާށޭ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތްތައް އެއްވެސް ޖެހިިލުމެއް ނެތި ކުރުމަށް ގޮވާލާ ކަމަށާއި ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރަންޖެހޭ ކަމަށެވެ. އަދި ސިޔާސީ ގޮތުން މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބިރު ދެއްކުންތަކަށް ފަސްނުޖެހި ގާނޫނާ އެއްގޮތަށް މަސައްކަތް ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ.