ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހުން ދޫކޮށްލީ އެއްވެސް ނުފޫޒެއް އޮވެގެން ނޫންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހުން ދޫކޮށްލުމުގައި ފުލުހުންގެ މައްޗަށް އެއްވެސް ބަޔަކު ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ.
"މީގައި އެއްކަމަކަށް އަޅުގަނޑު ދަންނަވާލަން ބޭނުން މި ހާދިސާ ހިނގާފައި އޮތް ގޮތާއި ކަންކަން ވެފައި ހުރި ތަރުތީބަށް ބަލާއިރުގައި އަޅުގަނޑުމެންނަށް މިވަގުތަކު އެއްވެސް ވަރަކަށް ގަބޫލެއް ނުކުރެވޭ ފުލުހުންގެ ފަރާތުން ކަމެއް ކުރަން އޮތް ގޮތަށް ނޫން ގޮތަކަށް ކަމެއް ކޮށްފައިވާނެ ކަމަކަށް. އަދި މައްސަލައިގައި ތުހުމަތުކުރެވިގެން 25 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ފަރާތްތައް ދޫކޮށްލުމުގައި އެއްވެސް ނުފޫޒެއް ނެތް." މަންނާނު ވިދާޅުވިއެވެ.
މަންނާނު ވިދާޅުވީ، އެ ނިންމުމަކީ އެ ނިންމުން ނަގަން ހަވާލުވެ ހުންނެވި ފަރާތުގެ ތަޖުރިބާއާއި އެފަދަ އަމަލުތަކުގައި އަމަލު ކުރާ ގޮތްތަކަަށް ބެލުމަށް ފަހު އެއްވެސް ނުފޫޒެއް ނެތް ގޮތަށް ނެގި ނިންމުމެއް ކަމަށެވެ.
ސަފާރީގައި ހިނގައިދިޔަ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ކުށުގެ ވެށިން ފުލުހުން ދިވެހި ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފަހުން އެމީހުން ވަނީ ދޫކޮށްލައިފައެވެ. އެމީހުން ދޫކޮށްލުމުގައި ނުފޫޒުގެ ބޭނުންކޮށްފައިވާ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެ މީހުން ދޫކޮށްލާފައިވަނީ ރަނގަޅަށްތޯ ބެލުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް އަންނަނީ ބަލަމުންނެވެ. ފުލުހުން ބުނީ، އެ ދެ މުއައްސަސާއަށްވެސް ދޭން ޖެހޭ އެއްބާރުލުން ފުލުހުންގެ ފަރާތުން ދެމުން އަންނަ ކަމަށެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް