ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 3 މީހުން ތިބި ސައިކަލު ދުއްވަން އިނީ މުއްދަތު ހަމަނުވަނީސް ފުލުހުންގެ ބަންދުން ދޫކޮށްލި މީހެއްކަން އެނގިއްޖެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2، ގައި ވަންވޭއާ ދެކޮޅަށް 3 މީހުންނާއެކު ދުއްވި ސައިކަލެއް ފުލުހުންނަށް ފިލަން އުޅެނިކޮށް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި 3 މީހުން ތިބި ސައިކަލު ދުއްވީ ހ. ލާމިޔާ، އަހްމަދު އުވެއިސް އެވެ.
އޭނާއަކީ ގެސްޓް ހައުސްއަކަށް ފޭކް ސްލިޕް ފޮނުވައިގެން ފައިސާ ދެއްކި ކަމުގެ ތުހުމަތުގައި މިފަހުން ފުލުހުން ހައްޔަރު ކުރި މީހާއެވެ.
ކުރިމިނަލް ކޯޓުން މިމަހުގެ އެއް ވަނަ ދުވަހު ނެރެފައިވާ ބަންދު ކޯޓު އަމުރުގައިވާ ގޮތުން، އަހްމަދު އުވެއިސް ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުގެ މައްސަލައެއްގައެވެ. އެގޮތުން އެދުވަހު އޭނާ ވަނީ 15 ދުވަހަށް ބަންދު ކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ އޮކްޓޯބަރު 16 އަށެވެ.
އޭނާ ބަންދުން ދޫކޮށްލާފައިވާ މައްސަލައާ ގުޅިގެން "ވަން" އިން ފުލުހުންނާ ސުވާލު ކުރުމުން ބުނީ، ބަންދު މުއްދަތުގެ ކުރިން އޭނާ ދޫކޮށްލާފައިވަނީ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ ބައި ނިމިފައިވާތީ ކަމަށެވެ. އެގޮތުން އޭނާ ދޫކޮށްލާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
އުވެއިސް ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައި އޮތީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.
އުވެއިސްއަކީ ހިޔާ ފްލެޓްތަކުގެ އެޕާޓްމެންޓެއްގައި އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކުރި މީހެކެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލަން އެހީތެރިވެދިން މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފައިވެ އެވެ.
ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގައި ޖުމުލަ ފަސް މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން ހަތަރު މީހެއް ހާލު ސީރިއަސް އިރު، ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް