ހުޅުމާލޭގައި ކުރީ ފުރޮޅު އުފުއްލައިގެން ދުއްވި ސައިކަލު ޓޯކޮށް ދުއްވަން އިން މީހާ ޖޫރިމަނާކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރޭ 10:30 އެހައިކަންހާއިރު، ހުޅުމާލެ ފޭސް އެކެއްގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ސައިކަލު ފާހަގަކުރެވުނީ އެ ވަގުތު ހުޅުމާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ބީޓަކަށް ކަމަށާއި އެގޮތުން، ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ އިރު، ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ދުއްވާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިކަމާ ގުޅިގެން، އުޅަނދު ޓޯކުރުމުގެ އިތުރުން ސައިކަލު ދުއްވަން އިން 20 އަހަރުގެ ފިރިހެން މީހާ ހުއްޓުވައި، އޭނާ ވަނީ ޖޫރިމަނާކޮށްފައެވެ." ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް