ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި 15 ފަރާތެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓާ މަރްޔަމް އަޒްމާ ވިދާޅުވީ މި މައްސަލައަކީ މިމަހުގެ ނުވަވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އެގޮތުން މިހާތަނަށް މި މައްސަލައިގައި 15 ފަރާތެއްގެ ބަޔާން ނަގާފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް އަޒްމާ ވިދާޅުވިއެވެ. އަދި ތަހުގީގު ކުރަމުން އަންނަ މި މައްސަލައާ ގުޅިގެން ޕީޖީއާ މަޝްވަރާކުރަމުން އަންނަކަން އަޒްމާ ފާހަގަކުރެއްވިއެވެ. އަދި މައްސަލައާ ގުޅިގެން އިތުރަށް ހޯދުމަށް ހުރި މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަޒްމާ ވިދާޅުވިއެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލައާ ގުޅިގެން އަލީ ވަހީދުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އެއީ ތަހުގީގަށް ހާޒިރުކުރަން ޖެހޭ ހާލަތެއްގައި ފަސޭހައިން ހާޒިރުކުރެވޭނެ މަގުފަހިކުރުމުގެ ގޮތުން ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރުކަމުން އަލީ ވަހީދު ވަކިކުރި އިރު، މީގެ މަސްތަކެއް ކުރީން އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް އެހެން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެފަހަރު ލީކުވި އޯޑިއޯތަކެއްގައި އަލީ ވަހީދު ވަނީ ކެބިނެޓުގެ އެހެން ބައެއް ވަޒީރުންނަށް ރައްދުވާ ގޮތަށް ވަރަށް ބޭއަދަބީ ބަސްތައް ބޭނުންކުރައްވައިފައެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި ޓޫރިޒަމް މިނިސްޓްރީގެ އެތައް މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދު ވަނީ މިމަހުގެ ނުވަވަނަ ދުވަހު އެމަގާމުން ދުރުކޮށްފައެވެ. އަލީ ވަހީދު މަގާމުން ދުރުކުރީ އިސްތިއުފާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން އިސްތިއުފާދެއްވާފައި ނުވުމުންނެވެ.
އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ. ނަހުލާއާ ގުޅޭގޮތުން ދައްކަވާފައި ހުރީ ޖިންސީ ފުރައްސާރައަށް ބެލެވޭ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭރު މިނިސްޓަރު ނަހުލާވެސް ވަނީ އެ މައްސަލަ ބައްލަވައިދެއްވުން އެދި ރައީސް ސޯލިހަށް ހުށަހަޅުއްވައިފައެވެ.
ފުލުހުން ވަނީ އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށް، އޭނާގެ މޯބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް