މި އަހަރުގެ މިހާތަނަށް 10 ކުއްޖަކު ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ބްލެކްމެއިލްގެ މައްސަލަތައް ވަކި ކެޓަގަރީއެއްގެ މައްސަލަތަކެއްގެ ގޮތުގައި ބަލަން ފަށާފައިވަނީ މިދިޔަ އަހަރު ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ބްލެކްމެއިލްގެ ޝިކާރައަކަށްވީ 12 ކުޑަކުއްޖެއްގެ މައްސަލަ ކަމަށާއި، މިއަހަރުގެ މިހާތަނަށް 10 ކުއްޖަކު ބްލެކްމެއިލްގެ ޝިކާރައަކަށްވެފައިވާ ކަމަށް ބަޝީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ މިހާތަނަށް 14 އަންހެނަކާއި ހަތަރު ފިރިހެނަކު ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ކަމަށް ބަޝީރު ވިދާޅުވިއެވެ. އެއީ މިދިޔަ އަހަރަށް ވުރެ ގިނަ އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ބްލެކްމެއިލްގެ ޝިކާރައަކަށްވެފައިވަނީ 11 އަންހެނުން ކަމަށް ފުލުހުން ބުނެއެވެ.

ބަޝީރު ވިދާޅުވީ އެއްއަހަރުން އަނެއް އަހަރަށް މިފަދަ ކުށްތަކުގެ މައްސަލަ ހުށަހެޅޭ މިންވަރާއި، ވިކްޓިމައިޒްވާ މީހުން އަދި ކުދިންގެ އަދަދު ގިނަވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.