މި އަހަރުގެ މިހާތަނަށް 141 ކުޑަކުއްޖަކު ޖިންސީ ގޯނާގެ ޝިކާރައަށް ވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި ތަފާސް ހިސާބަކީ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސްޕްރިންޓެންޑެޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހިއްސާކުރި ތަފާސް ހިސާބުތަކެވެ.
ބަޝީރު ވިދާޅުވީ ފުލުހުންނަށް ހުށަހަޅާފައިވާ ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ މައްސަލަތަކަށް ބަލާއިރު 2017 ވަނަ އަހަރުން ފެށިގެން އަހަރުން އަހަރަށް މިފަދަ މައްސަލަތައް ހުށަހެޅުން ދަށްވެފައިވާ ކަމަށެވެ. އެގޮތުން މިފަދަ 171 މައްސަލައެއް 2017ގައި ހުށަހަޅާފައިވާ އިރު 2018 ވަނަ އަހަރު ހުށަހަޅާފައިވަނީ މިފަދަ 100 މައްސަލަ ކަމަށް ބަޝީރު ވިދާޅުވިއެވެ. އަދި 2019 ގައި 93 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މިހާތަނަށް ހުށަހަޅާފައިވަނީ 48 މައްސަލަ ކަމަށް ވިދާޅުވިއެވެ.
ފުލުހުންނަށް ހުށަހަޅާ ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާ (ފިޒިކަލް އެބިއުސް)ގެ މައްސަލަތައް އަހަރުން އަހަރަށް މަދުވި ނަމަވެސް، ޖުމުލަ ގޮތެއްގައި ބަލާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ މިންވަރު ކޮންމެ އަހަރެއްގައިވެސް އިތުރުވަމުން އަންނަކަން ފާހަގަވާ ކަމަށް ބަޝީރު ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ (ޗައިލްޑް ސެކްޝުއަލް އެބިއުސް)ގެ މިއަހަރުގެ މިހާތަނަށް 158 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ބަޝީރު ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް އިހުމާލުވުން (ނެގްލިޖެންސް)ގެ 37 މައްސަލައަކާއި، ކުޑަކުދިންނަށް ބިރުދެއްކުން (ތުރެޓް)ގެ ފަސް މައްސަލައެއް އަދި ސެކްޝުއަލް ހެރޭސްމަންޓުގެ ފަސް މައްސަލައެއް މިއަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށް ބަޝީރު ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް އެކި ކަހަލަ އަނިޔާ ލިބުނު ކުދިންގެ ގޮތުގައި ފާހަގަވެފައިވަނީ ޖުމުލަ 249 ކުދިން ކަމަށެވެ. އެއީ ޖިސްމާނީ އަނިޔާ ލިބުނު 38 ކުދިން، ޖިންސީ ގޯނާގެ ޝިކާރައަކަށްވީ 141 ކުދިން، އިހުމާލުގެ މައްސަލައިގެ 48 ކުދިން، ބިރުދެއްކުމުގެ ޝިކާރައަކަށްވެފައިވާ ހަަތަރު ކުއްޖެއް، ސެކްޝުއަލް ހެރޭސްމަންޓުގެ ޝިކާރައަކަށްވީ އަށް ކުއްޖެއް އަދި ބްލެކްމެއިލްގެ ޝިކާރައަކަށްވީ 10 ކުދިން ކަމަށެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓު ކުރުން ފަހަކަށް އައިސް އިތުރުވެފައިވާއިރު، މިކުދިންގެ ހައްގުތައް ހޯދައިދީ، އެ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މިމަހު އާންމުން ވަނީ އެކި ފަހަރު މަތިން މުޒާހަރާކޮށްފައެވެ. މީގެ އިތުރުން ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ފުރައްސާރައާ ދެކޮޅަށް "ގެވެށި ގުޅުން"ގެ ނަމުގައި ޖެންޑާ މިނިސްޓްރީން އިއްޔެ ވަނީ ހާއްސަ ކެމްޕެއިނެއްވެސް ލޯންޗުކޮށްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް