ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ކުރިޔަށްގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން، ފުލެޓް ލިބޭނެ ކަމަށް އިއުލާންކުރި ލިސްޓުތަކުގައި، ވުޖޫދުގައި ނެތް 2500 ފުލެޓް ދިނުމަށް ހިމަނާފައިވާ ކަމަށް މި ސަރުކާރުން ބުނެފައިވާއިރު، އެ ފްލެޓް ތަަކަކީ، ފައިނަލްކޮށް އެގްރީމެންޓްގައިވެސް ސޮއިކޮށް ފަށަން ނިންމާފައިވާ މަޝްރޫއެއް ކަމަށް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް، މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއެކު، ހާޒިރު ކުރައްވައި ފުލެޓް މަޝްރޫއުތަކާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން އެ 2500 ފުލެޓާ ބެހޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ، އެ ޕްރޮޖެކްޓަކީ ޗައިނާގެ ކުންފުންޏަކާ ހަވާލު ކޮށްގެން އެޗްޑީސީން ކުރިޔަށް ގެންދަން ނިންމައި ފަށަން ތައްޔާރުވެެފައި އޮތް މަޝްރޫއެއް ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ 7،000 ފްލެޓް ހައްގުވާ މީހުން ކަނޑައެޅުމުގެ މަސައްކަތް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ، ފްލެޓް ކޮމިޓީން އެ ކޮމިޓީއަށް މައުލޫމާތު ދެމުން އިއްޔެ ބުނެފައިވަނީ، ވުޖޫދުގައި ނެތް 2500 ފްލެޓް ދިނުމަށް އެ ސަރުކާރުން ފުލެޓް ލިސްޓެއް އިއުލާން ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ކޮމިޓީގައި ޑރ. މުއިއްޒު ވިދާޅުވީ، އެ ލިސްޓަކީ، 7،000 ފުލެޓް ދިނުމަށްފަހު، 7،001 އިން ފެށިގެން ފުލެޓް ދިނުމަށް ނެރެފައިވާ ލިސްޓެއް ކަމަށެވެ.
އެހެންކަމުން އެ ލިސްޓު ނެރެފައިވާނީ ދެވަނަ ލިސްޓުގެ ގޮތުގައި ކަމަށާއި، ލިސްޓު ނެރުނު އިރުވެސް އެ މައުލުމާތު ހާމަކޮށްފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، އެކަމާބެހޭ މައުލޫމާތު އެޗްޑީސީގައި ހުންނާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، 2500 ފުލެޓްގެ މަސައްކަތް ހުއްޓައިނުލައި މި ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށް ދެކެވަޑައިގެންނެވި ނަމަވެސް، އެޔަށް ބަދަލުތަކެއް ގެނެސް އެހެން މަޝްރޫއެއްގެ ގޮތުގައި އެ މަޝްރޫއު އިއުލާން ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު