ރާއްޖޭގެ ގިނަ ބަޔަކު އެދެނީ ބަދަލަކަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަހު 30ގައި ބާއްވާ ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރު ނިންމަވާލައްވައި މާލެ ވަޑައިގަތުމުގެ ކުރިން ކުޅުދުއްފުށި އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެހެން ޕާޓީތަކުގެ މީހުންވެސް އެ ޕާޓީއަށް ސަޕޯޓް ކުރާކަން ފެނިފައިވާ ކަމަށާއި ރައްޔިތުން މިހާރު އެދެނީ ބަދަލަކަށް ކަމަށެވެ.

"ގިނަ ރަށްތަކުން ތިބީ އަޅުގަނޑުމެންނާ އެކީގައި. އެކި ރަށްތަކުގެ އެކި ބޭފުޅުން. އެ ބޭފުޅުން ބޭނުންވަނީ މިހާރު ހަމަ ހެޔޮ ބަދަލެއް އަންނަން. ޕަސެންޓޭޖު ކިޔާކަށް ނޭނގޭނެ އެހާ ރަނގަޅަކަށް. އެކަމަކު ގަބޫލުކުރެވެނީ ކާމިޔާބުވާނޭ،" މުއިއްޒު ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ކިހާ އަދަދެއްގެ ވޯޓު ލިބިވަޑައިގަންނަވާނެތޯ ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ އެކި ރަށްތަކުން ތާއިދު އޮންނަވަރު ފެންނަނީ އެކި މިންވަރަށް ކަމުން ދެބަނަ ބުރުގައި ލިބޭނެ ވަކި ޕަސެންޓޭޖެއް ބުނަން ދަތި ކަމަށެވެ.

ނަމަވެސް އަތޮޅުތެ ތެރެއިން މިހާތަނަށް ދިޔަ ގިނަ ރަށްތަކުން ލިބުނު މެޖޯރިޓީއަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.