ގައުމީ ޓީމަށް ދިމާވެފައިވާ ހޯމް ދަނޑުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކަން ފާހަގަކުރެއްވީ ދާދިފަހުން ސްރީ ލަންކާގައި ބާއްވާފައިވާ ދެކުނު އޭޝިއަން ސުޕަ ކަޕުން ރާއްޖެ ހޯދީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ގައުމީ ފުޓުބޯޅަ ޓީމާއެކު ބޭއްވި ހާއްސަ ސައި ފޮދުގެ ތެރެއިން، ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ވާހަކަ ދައްކަވަމުންނެވެ.
ގައުމީ ދަނޑުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ގައުމީ ޓީމުގެ ހޯމް މެޗެއް ނުކުޅޭތާވެސް ދުވަސްތަކެއް ވެއްޖެއެވެ. ދަނޑުގެ ލައިޓް ސިސްޓަމްވެސް މައްސަލަ ޖެހި، 2023 ވަނަ އަހަރުން ފެށިގެން މައްސަލަތައް ދިމާވެފައިވާ އިރު، އެ މައްސަލަ މިހާރު ވަނީ ހައްލުކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް ސިޑިބަރިތައް ބޭނުންކުރެވޭނެ ފެންވަރަށް ތަރައްގީ ކުރެވިފައި ނުވާ އިރު، އިންޑިއާ ސަރުކާރުގެ އެހީގައި މިދިޔަ ސަރުކާރުން ދަނޑު އަލުން ހަދަން ކުރި މައްސައްކަތްވެސް އޮތީ ހުއްޓިފައެވެ.
އެ ކަންކަމާ ގުޅިގެން ރައީސް ފާހަގަކުރެއްވީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކުޅިވަރެއް ކަމަށެވެ. އަދި ގައުމީ ފުޓްބޯޅަ ދަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ދަނޑެއް އެޅެންދެން ގަލޮޅު ދަނޑުގައިވެސް ވީ އެންމެ ރަނގަޅަކަށް ކަންކަން ހަމަޖައްސައިދެވޭތޯ ބައްލަވާނެ ކަމަށެވެ.
އޭގެ އިތުރުން ރައީސް ވަނީ ކުރިއަށް އޮތް ކޮލިފިކޭޝަން މެޗަށް ހިތްވަރުވެސް ދެއްވައިފައެވެ. ތަޖިކިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗުން ކާމިޔާބު ހޯދަން މަސައްކަތް ކުރުމަށްވެސް ރައީސް ޓީމުން އެދިވަޑައިގަތެވެ. އޭގެ އިތުރުން ޓީމުގެ އެލަވެންސްތައް ބަރާބަރަށް ދެއްވާ، ސަރުކާރުން އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު