ޚަބަރު

ފުވައްމުލަކު ސިޓީ ތައުލީމީ ހަބަކަށް ބަދަލުކޮށްދޭނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ ތައުލީމީ ހަބަކަށް ފުވައްމުލަކު ސިޓީ ބަދަލުކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީއަކީ ޕީޕީއެމް-ޕީއެންސީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މާލޭގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ކޮންމެ ސިޓީއެއްގައި ގައުމީ ފެންވަރުގެ ލައިބްރަރީއެއް ގާއިމްކުރައްވާނެ ކަމަށެވެ.

ދިވެހީންގެ މުސްތަގުބަލަކީ ތައުލީމާއި އިލްމުގެ މައްޗަށް ބިނާވެފައިވާ މުސްތަގުބަލަކަށް ހެދިއްޖެނަމަ، އެއީ ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީއަކީ ތައުލީމު ހާސިލްކުރަން ގިނަ ކުދީން އަންނަ ސިޓީއެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ފުވައްމުލައް ސިޓީގައި އެކޮމޮޑޭޝަން އިމާރާތެއް އަޅައިދެއްވާނެ ކަމަށެވެ.

"މި ސިޓީއަކީ (ފުވައްމުލައް ސިޓީއަކީ) ތައުލީމީ ހަބަކަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ފުވައްމުލަކު ސިޓީގެ ބަނދަރު ތަރައްގީކުރައްވައި އެ ސިޓީގައި އާޓިފިޝަލް ބީޗެއް ހަދައިދެއްވާނެ ކަމަށެވެ. އަދި އެ ސިޓީގެ ހުރިހާ އޮފީހެއް އެއް އިމާރާތަކަށް ބަދަލުކުރުމަށް އޮފީސް އިމާރާތެއް އަޅައިދެއްވައި ބޯހިޔާވަހިކަމުގެ މަޝްރޫއެއްވެސް ހިންގައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާގެ ވެރިކަމެއްގައި ފުވައްމުލަކު ސިޓީގައި ހުންނަ ހޮސްޕިޓަލަކީ މުހިންމު ހުރިހާ ހިދުމަތެއް ލިބޭ، ވަސީލަތްތައް ހުރި ހޮސްޕިޓަލަކަށް ހަދައިދެއްވާނެ ކަމަށާއި އެ ސިޓީގެ އެއާޕޯޓު ތަރައްގީކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.