ޚަބަރު

ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ފުރައްސާރައާ ދެކޮޅަށް ގައުމީ ކެމްޕޭނެއް ލޯންޗުކޮށްފި

އަލީ ޔާމިން

1

ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ފުރައްސާރައާ ދެކޮޅަށް "ގެވެށި ގުޅުން"ގެ ނަމުގައި ޖެންޑާ މިނިސްޓްރީން ހާއްސަ ކެމްޕޭނެއް ލޯންޗުކޮށްފިއެވެ.

ގެވެށި ގުޅުން އިފްތިތާހުކޮށްދެއްވީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ. އެ ކެމްޕޭނުގެ ޝިއާރަކީ "އަނިޔާއަކަށް ވަންޏާ ހަނުނުހުންނާނަން!" މިއެވެ.

އެ ކެމްޕޭން އިފްތިތާހުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޖިންސީ ފުރައްސާއާއި ގޯނާގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތައް ވަންހަނާ ނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހުން، އެ މައްސަލަތައް ރިޕޯޓު ކުރުމަށް ހިތްވަރު ލިބޭ ގޮތަށް މުޖުތަމައާއި މުޅި ދައުލަތް ބައްޓަންވެގެން ދިއުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހަކަށް އެއްވެސް ހާލެއްގައި އިތުރަށް އަނިޔާ ލިބޭނެ ގޮތަކަށް އެއްވެސް މީހެއްގެ އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ.

"ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހަކަށް އެއްވެސް ހާލެއްގައި އިތުރަށް އަނިޔާ ލިބޭނެ ގޮތަކަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓައިގެން ނުވާނެ. އެމީހުން އަލުން ވިކްޓިމައިޒް ވިޔަ ދީގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމުން، ޖިންސީ ގޯނާއާއި ފުރައްސާރައިގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި "ނޫނެކޭ" ބުނުމަކީ ކޮންމެ މީހަކަށްވެސް ލިބިދޭ ހައްގެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގެވެށި ގުޅުން ކެމްޕޭން އިފްތިތާހުކޮށްދެއްވައި، ޖެންޑާ މިނިސްޓަރު ވިދާޅުވީ، ކޮންމެ މީހަކީވެސް އަނިޔާކުރާތަން ފެނުމުން އެކަން ހުއްޓުވަން ކެރޭނެ މީހަކަށްވާންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގެވެށި ގުޅުން ކެމްޕޭނުގެ މަގުސަދަކީ ޖިންސީ ގޯނާއާއި ފުރައްސާރައިގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވައި އެކަންކަމާ މެދު އާންމުން ހޭލުންތެރިކުރުވައި އެވާހަކަތައް ދައްކާނެ ޕްލެޓްފޯމެއް ގާއިމުކޮށްދިނުން ކަމަށެވެ.

"މި މައްސަލައަކީ ހަމައެކަނި ސަރުކާރަށް އެކަނި ހައްލު ކުރެވޭނެ މަސައްކަތެއް ނޫން. މި މައްސަލަ ހައްލު ކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން. މިކަން ހުއްޓުވޭނެ،" މިނިސްޓަރު އާއިޝަތު ވިދާޅުވިއެވެ.

ގެވެށި ގުޅުން ކެމްޕޭނަކީ ތިން މަސް ދުވަހަށް ކުރިއަށްގެންދަން ނިންމާފައިވާ ކެމްޕޭނެކެވެ. އެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވަނީ އެ ކެމްޕޭނުގެ ހާއްސަ ލަވައެއްވެސް ރިލީސްކޮށްފައެވެ.