ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރިއެވެ. މަޖުބޫރުވެގެން އެޅި މި ފިޔަވަޅާއެކު އެކަމުގެ ނޭދެވޭ އަސަރު މުޅި ރާއްޖޭގެ އިގްތިސާދަށް ކުރި އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސިފަ ކުރެއްވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ލާންޖެހުނީ "ވެންޓިލޭޓަރު" އަށެވެ. އެއާއެކު ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެ، އެތައް ބަޔަކު ވަޒީފާއިން ވަކިވެސް ކުރިއެވެ. ކާބޯތަކެތީގެ އަގު ބޮޑުވެދާނެ ކަމުގެ ބިރު ހީވިއެވެ. ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދިޔައެވެ. ޖީބަށް އެނގުން ނުވާ ބަޔަކު ނެތެވެ.

ސަބަބެއް ނެތި އެއް ނޫނެވެ. ސަރުކާރު ވެސް ބަރޯސާ ވެފައި އޮތީ ޓޫރިޒަމަށެވެ. ދެން ހުރި ހުރިހާ ވިޔަފާރިއެެއްހެން މި އެނބުރެނީ މި ދެންނެވި އިގްތިސާދީ ބުރުގެ ތެރޭގަ އެވެ. މި އިގްތިސާދީ ހީނަރުކަމުގައި ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ތިބުމަށްފަހު، ރާއްޖޭގެ ބޯޑަރު ނުވަތަ އިގްތިސާދީ މައި ދޮރާށި އިއްޔެ މިވަނީ ހުޅުވާލައިފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހުޅުވާލައި ޓޫރިސްޓުން އަންނަން މިވަނީ ފަށައިފައެވެ. މިއީ ވެންޓިލޭޓަރުގެ އެހީގައި އޮތް ރާއްޖޭގެ އިގްތިސާދަށް ލެވުނު ނޭވާއެކެވެ. ލިބުނު އުންމީދެކެވެ. ނަމަވެސް މިއާއެކު ދިވެހިންގެ ޒިންމާ ވެސް މިވަނީ ބޮޑުވެފައެވެ.

މިދިޔަ ޖޫން މަހު މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ނަމަވެސް މި އަހަރުގެ ބާކީ އޮތް ދުވަސްތަކާއެކު މި އަހަރު 980،000 ޓޫރިސްޓުން ގެނެވޭނެ އެވެ. އޭގެ ފަހުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 850،000 ފަތުރުވެރިން ގެނައުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު މާޗު މަހުގެ ނިޔަލަށް އައިސްފައި ވަނީ 382,760 މީހުންނެވެ. އެހެންވީމަ އެންމެ ގިނަވެގެން 980،000 މީހުން ގެންނަން ބޭނުންނަމަ އިތުރަށް މި އަހަރު މަދުވެގެން ގާތްގަނޑަކަށް 597،240 ޓޫރިސްޓުން ގެންނަން ޖެހޭނެ އެވެ. އެކަން ހާސިލުކުރުމަށް އަންނަ ބާރު ސްޕީޑުގައި ޓޫރިޒަމް ހިނގައިގަންނަން ޖެހޭނެއެވެ. ކުރިއަށް އޮތް ފަސް މަސް ދުވަހު، ކޮންމެ މަހަކު އެވްރެޖް ގޮތެއްގައި 119448 ޓޫރިސްޓުން ގެންނަން ޖެހެއެވެ.

ނަމަވެސް ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ދެއްވި ހިސާބު ތަފާތެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރުގެ ބާކީ މިއޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް ބެލެވެނީ ހައެއްކަ ލައްކަ ޓޫރިސްޓުންނެވެ. އަދި ބޯޑަރުތައް ހުޅުވާލާއިރު 30 ޕަސަންޓް އޮކިއުޕެންސީގައި ހިފެހެއްޓޭނެ ކަމަށް ބައެއް ރިސޯޓުތަކުން ބުނެފައިވާ ކަމަށާއި އަހަރުގެ ފަހުކޮޅު ފަތުރުވެރިކަން ބޮޑު ތަނުން ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ޗެއާމަން އަހުމަދު ސަރުވަޝް ވެސް ވިދާޅުވި ގޮތުގައި، ޖުލައި މަހު ބޯޑަރުތައް ހުޅުވާލަން ސަރުކާރުން ހަދާފައިވާ "ސިނާރިއޯ ތިނެއް"ގެ ހާލަތުގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތިން މަހު ޓޫރިސްޓުން އަންނަ އަދަދު 50 ޕަސެންޓަށް ދަށް ވާނެއެވެ. އަދި ބާރު މިނުގައި ޓޫރިޒަމް ހިނގައިގަންނަނީ ސެޕްޓެމްބަރުން ފެށިގެންނެވެ.

ނަމަވެސް ކުރިޔަށް އޮތް ތިން މަހު އެ އަދަދު މަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެއީ ކޮވިޑާ ގުޅިގެން ގޭ ބަންދު ވެ، އެއްވެސް ހަރަދެއް ނުކޮށް ތިބެފައި ހަރަދުކޮށްލަން ބޭނުންވެފައި ތިބި މީހުން ގިނަ ވެދާނެތީއެވެ.

ރާއްޖޭގެ ބޯޑަރު މީގެ ކުރިން ވެސް ވަނީ ބަންދުކޮށްފަ އެވެ. އެއީ ސުނާމީ ބޮޑު ރާޅު އެއާޕޯޓްގެ ރަންވޭއަށް ބިންދާލި ހާދިސާގައެވެ. ނަމަވެސް އެފަހަރު ދެ ދުވަސް ތެރޭގައި އަލުން އޮޕަރޭޝަން ފެށިއެވެ. ކޮވިޑުގެ ތޫފާނުގައި މާޗް 27 ގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ ވެސް ނާއުންމީދުގައެވެ. އޭރު ދުނިޔޭގެ ހާލަތުން ކޮޅެއް މެދެއް ނުފެނެއެވެ. ކޮވިޑާއެކު ގައުމުތަކުން ދަތުރުތައް ހުއްޓާލުމުން، ފްލައިޓް ޖެއްސުމުގެ ރެކޯޑް މުގުރަމުންދިޔަ އެއާޕޯޓް އެއްކޮށް ފަޅުވިއެވެ. ވީއައިއޭ އިން ކުރާ ބައިނަލްއަގްވާމީ ދަތުރުތައް ދުވާލަކު 40 އިން ދެ ދަތުރަށް މަދުވި އެވެ. އެއާޕޯޓަށް ދިރުމެއް ކިރިޔާވެސް ގެނެސްދިނީ ހާއްސަ ބޭނުންތަކަށް އަންނަ ޗާޓަރުތަކާއި މެޑިކަލް އިމަޖެންސީގެ ފްލައިޓްތަކެވެ.

މިއީ ވީއައިއޭ ހިންގަމުން އަންނަ އަދި ސަރުކާރުގެ އެންމެ ފައިދާ ބޮޑު އެއް ކުންފުނި، އެމްއޭސީއެލް އަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. ފޫބައްދަން ދަތި ގެއްލުންތަކާއެކު ކުންފުނި ދިޔައީ ހަނާވަމުންނެވެ. އެއާއެކު ކުންފުނީގެ ހަރަދު ކުރަން ފިޔަވަޅުތަކެއް އަޅައި، މުވައްޒަފުން ވަކިކުރަން ޖެހިދާނެ ކަމަށް ވެސް ބުނަމުންދިޔައެވެ. ނަމަވެސް މިކަންކަމާއެކު ވެސް ބޯޑަރު ހުޅުވައި ދަތުރުވެރިންނަށް، އެމީހުންގެ ރައްކާތެރިކަމާމެދު ޔަގީންކަން ބޭއްވުމަށް މިދިޔަ މެއި މަހުން ފެށިގެން އެ ކުންފުނިން ގިނަ ތައްޔާރީތަކެއް ވަނީ ވެފައެވެ.

ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ކޮމެޓީގައި އެއާޕޯޓް އިމަޖެންސީ ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު، އަހުމަދު ފަޔާޒު ވިދާޅުވި ގޮތުގައި އަލުން އެއާޕޯޓް ހުޅުވާއިރު އިތުރު އިމަޖެންސީއެއް ދިމާވެދާނެ ކަމަށް ބަލައި ތިން މަހުގެ އިމެޖެންސީ އަށް ބޭނުންވާ ސާމާނު ވެސް ހުރީ ރައްކާކޮށްފަ އެވެ. އަދި ކޮންމެ 20 މިނެޓުން ފްލައިޓް ޖައްސާ ވަރަށް ތައްޔާރުވެފައި އޮތްއިރު، އެތަނުގައި ކޮވިޑް ރެސްޕޮންސް ޓީމެއް ވަނީ އެކުލަވާލައިފައެވެ.

ގޮނޑިތަކާއި ވީލްޗެއާތަކާއި ޓްރޯލީތައް ބަރާބަރަށް ޑިސްއިންފެކްޓް ކުރާއިރު އިމިގްރޭޝަން ކައުންޓަރުތަކާއި ޕެސެންޖަ ޗެކިން ކައުންޓަރުތަކުގައި ހަތަރު ފޫޓުގެ ބިއްލޫރި ކޮށިގަނޑު ވަނީ ލައިފައެވެ. އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓުގެ ކައުންޓަރުތައް ހުންނަ ސަރަހައްދުގައި ވެސް ތިން ފޫޓުގެ ދުރުމިން އެނގޭ ގޮތަށް ވަނީ ފްލޯގައި ސްޓިކާ ހަރުކޮށްފަ އެވެ.

މި ބަދަލާއެކު ކުރިން އެއް ފަހަރާ 1000 މީހުންނަށް ހިދުމަތް ދެވޭ، އިންޓަނޭޝަނަލް އެރައިވަލް ހޯލުގައި މިހާރު ހިދުމަތް ދޭނީ 577 މީހުންނަށެވެ. ކުރިން 1200 މީހުން ހިދުމަތް ދޭ އިންޓަނޭޝަނަލް ޑިޕާޗާ ހޯލުގައި ހިދުމަތް ދޭނީ 750 މީހުންނަށެވެ.

ދަތުރުވެރިންގެ ރައްކާތެރިކަމާއެކު އެމްއޭސީއެލުން ވަނީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން ރާއްޖެއަށް އަންނަ އެއާލައިންތައް އިތުރު ކުރުމަށް ޑިސްކައުންޓް ތަކެއް ވެސް ދޭން ނިންމައިފައެވެ. މީގެ ސަބަބުން އެ އެއާލައިންތަކުން އަންނަ ޓޫރިސްޓުން އިތުރު ވެ ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ބޭރުގެ އެއާލައިންތަކަށް އެމްއޭސީއެލުން ޑިސްކައުންޓު ދޭން ނިންމާފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ޖުލައި 15އިން އޮގަސްޓު 31އާ ހަމައަށް އޮޕަރޭޝަން ފަށާ އެއާލައިންތަކަށް ގްރައުންޑް ހޭންޑްލިން އާއި ލޭންޑިން އާއި ނެވިގޭޝަން އަދި ޕާކިން ޗާޖުން 100 ޕަސެންޓު ޑިސްކައުންޓު ދިނުމަށާއި ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 27 އަށް އޮޕަރޭޝަން ފަށާ އެއާލައިންތަކަށް 75 ޕަސެންޓު ޑިސްކައުންޓު ދިނުމަށެވެ. އަދި އޮކްޓޯބަރު 28 އިން ފެށިގެން އޮޕަރޭޝަން ފަށާ އެއާލައިންތަކަށް 50 ޕަސެންޓު ޑިސްކައުންޓު ލިބޭނެއެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން ބޯޑަރު ހުޅުވާލާއިރު ރާއްޖެއަށް އަންނަން 11 އެއާލައިނަކުން ވަނީ ޖާގަ ނަގައިފައެވެ. މި މަހަށް ތާވަލު ކޮށްފައި ވަނީ ގަތަރު އެއާވޭސްގެ އިތުރުން އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް އެވެ. އަންނަ މަހު ރާއްޖެ އަށް ދަތުރުތައް ފަށާ ހަ އެއާލައިންގެ ތެރޭގައި ސްރީ ލަންކަން އާއި ސިންގަޕޯ އާއި އިންޑިގޯ އާއި ގަލަފް އެއާ ހިމެނެ އެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން މި ހުޅުވައިލެވުނީ ސަރުކާރުންނާއި ރައްޔިތުންގެ މަސައްކަތުންނެވެ. އެހެން ނޫންނަމަ ފިނޭންސް މިނިސްޓްރީން މިއަހަރަށް ލަފާކުރި ސިނާރިއޯ ފަހެއްގައިވާ ގޮތަށް މިއަހަރު ރާއްޖެއަކަށް އެއްވެސް ފަތުރުވެރިޔަކު ނާންނާނެއެވެ. ނަމަވެސް އެއީ އަދިވެސް ވެދާނެ ކަމެކެވެ. މިއަދު ބޯޑަރު ހުޅުވައި އިގްތިސާދު ކޮޅަށް ނެގުމަށް ކުރަމުން އަންނަ މަސައްކަތުގައި ފަހަތަށް ފިޔަވަޅެއް އެޅުމަކީ އޮތް ނުރައްކަލެކެވެ.

ބޯޑަރު ހުޅުވުމަށް މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި، ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތަކާއެކު އެ މަޝްވަރާތައް ކުރަމުން އަންނައިރު އެގައުމުތަކުން ބަލާ މިންގަނޑުތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބަލި ފެތުރޭ މިންވަރާއި ބަލި އޮތް މިންވަރު އަދި އަމަލުކުރާ ގޮތްފަދަ ކަންކަން ހިމެނެއެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރާ ވަރަކަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖެ އިސްތިހާރު ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ވަރަށް މުހިންމު އާންމު ދިރިއުޅުން ފަށައިގެންދާއިރުގައި މިއަދަކީ އާންމު ދިރިއުޅުން ނޫންކަން ހުރިހާ ރައްޔިތުން ބަލައިގަނެގެން، މިސާލަކަށް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ވީހާވެސް ވަރަކަށް މަސައްކަތް ކޮށްދެއްވުމުން. އެއީ މި ހުރިހާ ކަމަކީ ހުރިހާ ގައުމަކުން މޮނީޓާކޮށް ބަލާ ކަންކަން،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބޯޑަރު އަލުން ބަންދުކުރަން ޖެހިއްޖެ ނަމަ ރާއްޖެއަކަށް "ސަވައިވެއް ނުވާނެ" އެވެ. އަދި އެ ކެޕޭސިޓީއެއް ވެސް ރާއްޖެއަކު ނެތެވެ. މި އަންދާޒާ އޭނާ ކުރެއްވީ މިހާރުގެ ހާލަތަށް ބަލައި ފެންނަ މަންޒަރުންނެވެ. މިފަހަކަށް އައިސް ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، ބަލީގެ ދެވަނަ ރާޅެއް އައިސް، އިގްތިސާދަށް ބިންދާލާނެ ކަމަށް ދަނީ ބެލެވެމުންނެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި، މުޅި ދުނިޔެއަށް ވައިރަސް ފެތުރިފައި އޮތްއިރު ދެން އޮންނާނީ ވައިރަސް ކޮންޓްރޯލްކުރުމާއި މެނޭޖް ކުރުމެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށާއި އެކަމަށް އަމާޒުކޮށްގެން ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ފައްޔާޒް އަދި ވިދާޅުވީ، ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހޭ ހާލަތެއް އަތުވެދާނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށެވެ.

އެންމެންވެސް އިއްތިފާގު ވަނީ އެއް ކަމަކަށެވެ. އެއީ މި ވަގުތަކީ އަޅުގަނޑުމެން އެންމެން ވެސް އެންމެ ފަރުވާތެރިވާންވީ ވަގުތު ކަމެވެ. އާންމު ހާލަތަކަށް ރުޖޫއަ ވުމުގެ މަގުގައި ފަރުވާ ކުޑަކޮށްފި ނަމަ ދެން ރާއްޖެ ވެއްޓޭ ވަޅުގަނޑުން އަރައިގަތުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. އެކަން އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުން ވެގެން ނުވާނެ އެވެ. އެހެންކަމުން މި ވަގުތު ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ފުރިހަމަޔަށް އަދާކުރަންވީ އެވެ. ރިސޯޓުތަކުންނާއި އެއާޕޯޓާއި ގުޅިފައިވާ ހުރިހާ ތަނެއްގައި މަސައްކަތްކުރާ އެންމެންވެސް އަމިއްލަ އަދި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުރިހަމަ ސަމާލުކަމެއް ދޭންވީ އެވެ. ހާލަތުގެ ނާޒުކުކަން ދަންނަން ވީ އެވެ. އެންމެން ގުޅިގެން މިކަން ކޮށްފި ނަމަ، މިކަން ވާނެ އެވެ.