ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކުރިމިނަލް ކޯޓުން ބާތިލްކުރި ނިންމުން ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އިސްތިއުނާފު ކޮށްފިއެވެ.

ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން އިއްޔެ ބާތިލް ކުރުމުން އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ޕީޖީ ޝަމީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަދީބާ ދެކޮޅަށް ދައުލަތުން ހުށަހެޅި މައްސަލަތައް ބާތިލްކޮށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ ކަމަށެވެ. އަދި ހައިކޯޓުގެ ޝަރީއަތަށް މަޑު ކުރެއްވުމަށް ވިދާޅުވެފައިވެ އެވެ.

އަދީބުގެ މައްސަލަތައް ބާތިލްކުރަން ކަނޑައެޅި ސަބަބެއް ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައިނުވާ ދައުވާތަކަކަށްވުމާއި މައްސަލާގައި ގޯސްކޮށް އަދީބާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވުމެވެ. ނަމަވެސް އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގަ އެވެ. އަދި އޭރު ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ލިޔުންތައް ވެސް ހުށަހަޅާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމުގެ ގިނަ ފާޑުކިޔުންތަކެއް ގާޒީއަށް އަމާޒުވި އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހޭކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ، މި މައްސަލަ ނިންމާފައިވަނީ އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށްކަން ފާހަގަކުރައްވައިގެން ކަމަށެވެ. އެގޮތުން ފަނޑިޔާރަކަށް އެނގޭ މައުލޫމާތުތަކެއްގެ މައްޗަށް ހުކުމް ކުރަން ވެއްޖެނަމަ ފުލުހުން އަދި ޕީޖީގެ ބޭނުމެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވީ، ފަނޑިޔާރު ރިއާޔަތް ކުރަންވާނީ ކޯޓަށް ހުށަހެޅޭ ލިޔުންތަކަށާއި ދެ ފަރާތުން ދައްކާ ވާހަކަަތަކެއްގެ މައްޗަށް ކަމަށް ގާނޫނުގައި ބުނެފައި އޮތް ނަމަވެސް މި މައްސަލައިގައި އަދީބުގެ ފަރާތުން ޝަރީއަތުގެ އަޑުއެހުމުގައި އެއްބަސްވުންތަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު އަދި އޭނާ ފުރަތަމަ ހައްޔަރުކުރި ދުވަހުގެ އެއްވެސް ލިޔުމެއް ދައުލަތުން ކޯޓަކަށް ހުށަހަޅާފައެއް ނުވާއިރު ވެސް އިއްޔެ ކުރެއްވި ހުކުމުގައި ހައްޔަރުކުރި ދުވަހާއި ސަބަބާއި ތުހުމަތު ކުރެވުނު ދުވަހާ ހިމަނާފައިވާ ކަމަށެވެ.

އޭގެ އިތުރުން ދައުލަތާއި އަދީބާ ދެމެދު އެއްބަސްވުމެއް ހަދާފައިވަނީ އަދީބަށް މަޖުބޫރުކޮށް ޓޯޗާ ކޮށްގެން ކަމަށް ފަނޑިޔާރު ކަނޑައަޅުއްވާފައިވާތީ، އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި އެކަން ގާޒީ ވެސް ގަބޫލުކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ. މި މައްސަލައާ ގުޅިގެން ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ޕީޖީން ވަނީ ނިންމައިފަ އެވެ.