މަނީލޯންޑާ ކުރުމުގެ ކުށުގައި 5 މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ހުކުމް ކޮށްފައިވަނީ، ޕީޖީ އޮފީހުން ގާނޫނާ ހިލާފު ހެކިތަކެއް އުފައްދައިގެން ކޮށްފައިވާ ދައުވާއަކުން ކަމަށް ބުނެ ރައީސް ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފެވެ.

މި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ވޯޓު ނެގުމުން އެ ކުއްލި މައްސަލަ ބަލައި ގަންނަން ނުފެންނަކަމަށް ފާސްކޮށް، މަޖިލީހުގެ ތަޅުމުން ބޭރު ކޮށްލީ، ޖަލްސާގައި ތިބި 29 މެންބަރުންގެ ތެރެއިން 14 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި މައްސަލަ ބަަލައިގަނެ ބަހުސް ކުރުމަށް 7 މެންބަރުން ވޯޓު ދެއްވިއެވެ. އެކަމަށް 14 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމުގައި އެމްއެމްޕިއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވާފައިވާ ބަޔާންތަަކަށް ރިއާޔަތްކޮށްފައިވަނިކޮށް އޭނާގެ މައްޗަށް ކުރި ހުރިހާ ދައުވާއެއް ކުރިމިނަލް ކޯޓުން އިއްޔެ ބާތުލް ކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ބިރު ދެއްކިމާއި މަޖުބޫރު ކުުރުވައިގެން އެއްބަސްވުމެއްހަދައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދީފައިވާ ކަމަށް އަދީބު ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކުން ހާމަވުމާއި، ސީދާ ގޮތުންނާއި ނުސީދާގޮތުން ކުރީގެ ޕީޖީ އައިޝަތު ބިޝާމް އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އަދީބުގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި އެކަމުގައި ގާނޫނީ ހަމަތަކާ ހިލާފަށް އަމަލު ކޮށްފައިވާކަން އަދީބުގެ މައްސަލަ ބާތިލްކުރެއްވި ކުރިމިނަލް ކޯޓުގެ ގަޒިއްޔާއިން ސާފުވާކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމަކީ ނުފޫޒު ފޯރުވައިގެން ހެކި އުފައްދައިގެން ކޮށްފައިވާ ބާތިލް ހުކުމެއް ކަމަށް ހާމަކަން ބޮޑުކޮށް ފެންނަން އޮތުމާއި، ރައީސް ޔާމީނަށް ހުކުމް ކުރުމުގައި އަދީބުގެ ބަޔާންތަކަށް ރިއާޔަތް ކޮށްފައިވާތީ އެ ދައުވާ އަކީ ޕީޖީ އޮފީހުން ގާނޫނާ ހިލާފް ހެކިތަކެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް ވިދާޅުވެ ޔައީސް ޔާމީން މިނިވަން ކުރުމަށް އެ ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ.