ގުޅިފަޅު

ގުޅިފަޅުން މާލޭ ރައްޔިތުންނަށް 1200 ބިން ދޫކުރަން ވަނީ ހަމަޖެހިފައި: އަސްލަމް

އިބްރާހިމް ޒަކީ

ގުޅިފަޅު ހިއްކުމަށްފަހު އެތަނުން މާލޭ ރައްޔިތުންނަށް 1200 ބިންކޮޅު ދޫކުރަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގުޅިފަޅު ހިއްކުމުން 1200 ބިންކޮޅު މާލޭގެ ރައްޔިތުންނަށް ދޫކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގައި ރަޖިސްޓްރީގައި ތިބި އާއިލާގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވާ 5،000 އަށްވުރެ ގިނަ އާއިލާ އެބަ ތިބި ކަމަށެވެ. އަދި ގުޅިފަޅުން ދޫކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ 1200 ބިން ހަމަޖެހިގެންދާނީ އެ އާއިލާތަކުގެ ތެރެއިން ބަޔަކަށް ކަމަށް ވިދާޅުވި އެވެ.

މާލޭގެ ބިމުގައި މިވަގުތު ބޯހިޔާވަހިކަމުގެ އެއްވެސް މަސައްކަތެއް ނުހިނގާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ މަސައްކަތްތަކެއް ހިނގަމުން އަންނަ ކަމަށެވެ. އެގޮތުން އެޗްޑީސީން އިމާރާތްކޮށް އަދި މީހުންނަށް ނުވަދެވިފައި ހުރި ބައެއް ތަންތަން އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.