މާލޭގެ އިހުތިސާސްގައި ބުރިޖަކުން ގުޅުވާލެވޭނެ ހުރިހާ ތަނެއް ހިމެނޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދިނުމަށް މާލެ ކައިރީގައި އޮތް ބައެއް ފަޅުތައް ހިއްކާތީ ބައެއް ރައްޔިތުން ދަނީ، އެ ފަޅުތަކަކީ މާލޭގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ފަޅުތަކެއްތޯ ސުވާލުކުރަމުންނެވެ. އެކަމުގެ ބަހުސް ދެކަފިވެފައިވާ އިރު، ރައީސް މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ އެތަންތަންވެސް މާލޭގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ހަމަ ގާނޫނީ އިޖުރާއަތް އެ އޮތީ، އޭގެ ތެރެއިން ކަނޑައެޅިފައި. އިހުތިސާސްގެ ތެރޭގައި ބުރިޖަކުން ގުޅުވާލެވޭ ގޮތަށް ހުރި ހުރިހާ ތަނެއް ހިމެނުން. އެއީ އަޅުގަނޑުމެން ވިސްނާފައި އޮތްގޮތް. އެހެންވީމަ އުތުރުތިލަފަޅާ ހަމައަށް، އުތުރުތިލަފަޅު ވެސް އިރާދަކުރެއްވިއްޔާ ހިއްކަން ފަށަން މި އުޅެނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އުތުރުތިލަފަޅާއި ގިރާވަރުފަޅާއި ގުޅިފަޅުވެސް މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނިގެންދާނެ ކަމަށެވެ.

އެ ތަންތަނުން ބިމާއި ގެދޮރު ލިބެނީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ކަމަށް ވާތީ، އެ ތަންތަނުގައި "މާލޭ ވަންތަކަން" ހުންނަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު ބުރިޖަކުން ގުޅާލެވިފައި އޮތީ މާލެއާއި ހުޅުލެ އާއި ހުޅުމާލެއެވެ. މާލެއާއި ވިލިމާލެ އާއި ގިރާވަރުފަޅާއި ތިލަފުއްޓާއި ގުޅިފަޅު އަދި އުތުރުތިލަފަޅު ގުޅާލާ ބުރިޖުގެ މަސައްކަތް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުރަތަމަ ބުރުގައި 15،000 ގޯތި ދޭން ވަނީ ނިންމައިފައެވެ. އެއީ އަލަށް ހިއްކާ ރަސްމާލެއިންނެވެ. ރަސްމާލެއިން ޖުމުލަ 25،000 ގޯތި ދޫކުރުމަށް ވަނީ ޕްލޭންކޮށްފައެވެ.