އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ގުޅިފަޅުގައި ގާއިމްކުރަން ހަމަޖެހިފައިވާ 4000 ހައުސިން ޔުނިޓަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި މިއަހަރުގެ މެދުތެރޭގައި އެ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރުދަނީ ދެގައުމު ދެމެދު ލިޔެކިޔުންތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ.
އޭގެ އިތުރުން ސައުދިއަރަބިއްޔާގެ އެހީތެރިކަމާއެކު ގާއިމްކުރާ 400 ހައުސިން ޔުނިޓާއި އިންޓްރެސްޓް ފްރީ ލޯނެއްގެ ތެރެއިން ޗައިނާއިން އިމާރާތްކުރާ 500 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ޔަގީންވެފައިވާ ކަމަށެވެ.
މިނިސްޓަރުވަނީ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން އަޅާ 3000 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
"އެހެންވީމަ މި 7900 ހައުސިން ޔުނިޓަކީ މިހާރުވެސް ޔަގީންވެފައި ހުރި އަދަދަށްވުރެ މަދު އަދަދެކޭ ހަގީގަތުގައި. އެހެންވީމަ އަޅުގަނޑުމެން އިއުލާނުކޮށްފައި ހުރި ފްލެޓްތަކަކީ ވުޖޫދުގައި ނެތް އެއްޗެކޭ ނުދެންނެވޭނެ، މިއިން ކޮންމެ އެއްޗަކީ ޕްރޮޖެކްޓައް ފޯމިއުލޭޓްކުރެވިގެން ފައިސާ ހަމަޖެހިފައި ހުރި ޕްރޮޖެކްޓްތަކެކޭ އެކި ގައުމުތަކުގެ ހިނގާ މަޝްރޫއުތަކެއްކަމުގައިވަންޏާ ޕްރޮސެސްތަކެއް ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެގެންދާނީ 2008ގެ ފަހުން ސަރުކާރަކުން ފަށާ ހައުސިން ޕްރޮޖެކްޓެއް ނިންމައި ރައްޔިތުން އެތަނުގައި ދިރިއުޅެން ފަށަން ފުރުސަތުދޭ ފުރަތަމަ ސަރުކާރަށް ކަމަށެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު