ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް ހަދައިދިނުމަށް ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ގެޒެޓުގައި ޝާއިއުކޮށްފައިވާ "ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ އައު ލޭންޑް ޔޫސް ޕްލޭން" ގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފައި ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ބަދަލާ ގުޅިގެން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ގުރުއަތު ނަގާފައިވާނެ ކަމަށެވެ.

"ދެންނެވުނު ބަދަލާ ގުޅިގެން، ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ 'ބަންޑާރަ ގޯތީގެ ރަޖިސްޓްރީ' ބާތިލުކޮށް، އައު ބަންޑާރަގޯތީގެ ރަޖިސްޓަރީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާތަނަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައި ނުވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމަށްވެސް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ." ހައުސިން މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، މިއަދުން ފެށިގެން މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ މުއްދަތުގެ ތެރޭގައި ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލާ ގުޅިގެން، މިއަދާ ހަމައަށް އެއްބަސްވުމުގައި ސޮއިކޮށް ގޯތީގެ ރަޖިސްޓަރީއާ ހަވާލުވެފައި ނުވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުޅިފަޅުގެ އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވެފައި ނުވާ ފަރާތްތަކުންވެސް މިއަދުން ފެށިގެން މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.