ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހުރިހާ ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމަވައިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކުރުމުން އަދީބު ވަނީ މިނިވަންވެފައެވެ.
ސަބަބެއް ކަމަށް މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައިނުވާ ދައުވާތަކަކަށްވުމާއި މައްސަލާގައި ގޯސްކޮށް އަދީބާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވުމެވެ. ނަމަވެސް އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގަ އެވެ. އަދި އޭރު ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ލިޔުންތައް ވެސް ހުށަހަޅާފައެއް ނުވެ އެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި މާދަމާގެ ހެނދުނުގެ ވަގުތެއްގައި ހައިކޯޓަށް އިސްތިއުނާފުގެ ލިޔުންތައް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މައްސަލަ އިސްތިއުނާފު ކުރައްވާ އެއް ސަބަބެއް ކަމަށް ޕީޖީ ވިދާޅުވީ، އިއުތިރާފުގެ އެއްބަސްވުންތަކުގެ މައްސަލަތައް ކުރިއަށް ގެންދަންޖެހޭނެ ގޮތް ގާނޫނުގައި ކިޔައިދީފައި އޮތް ނަމަވެސް އެއާ ހިލާފަށް މައްސަލަ ބަލައި ދައުވާތައް ބާތިލްކުރުމެވެ.
އިއުތިރާފު އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅި ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް ދައުލަތުގެ އަތުގައި ކިތާބީ ހެކި ހުރި ކަމަށާއި މައްސަލަ ސާބިތު ކުރެވުނީސް ކަމަށް ޝަމީމް ވިދާޅުވިއެވެ.
މި މައްސަލަ ނިންމާފައިވަނީ އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފެނިވަޑައިގެންނެވި ކަންތައްތަކެއްގެ މައްޗަށްކަން ފާހަގަކުރައްވާ ޕީޖީ ވަނީ ގާޒީއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފަނޑިޔާރަކަށް އެނގޭ މައުލޫމާތުތަކެއްގެ މައްޗަށް ހުކުމް ކުރަން ވެއްޖެނަމަ ފުލުހުން އަދި ޕީޖީގެ ބޭނުމެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
"މި ހުކުމަކީ އިސްމާއިލް ރަޝީދު ކިޔާ ގާޒީއަކަށް ފެނިވަޑައިގެންނެވި ކަންތައްތަކެއް ލިޔުއްވާފަ ނެރުއްވާފަ އޮތް ހުކުމެއް.،" ޕީޖީ ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވީ، ފަނޑިޔާރު ރިއާޔަތް ކުރަންވާނީ ކޯޓަށް ހުށަހެޅޭ ލިޔުންތަކަށާއި ދެ ފަރާތުން ދައްކާ ވާހަކަަތަކެއްގެ މައްޗަށް ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އަދީބުގެ ފަރާތުން ޝަރީއަތުގެ އަޑުއެހުމުގައި އެއްބަސްވުންތަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު އަދި އޭނާ ފުރަތަމަ ހައްޔަރުކުރި ދުވަހުގެ އެއްވެސް ލިޔުމެއް ދައުލަތުން ކޯޓަކަށް ހުށަހަޅާފައެއް ނުވާއިރު ވެސް މިއަދު ކުރެއްވި ހުކުމުގައި ހައްޔަރުކުރި ދުވަހާއި ސަބަބާއި ތުހުމަތު ކުރެވުނު ދުވަހާ ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ދައުލަތާއި އަދީބާ ދެމެދު އެއްބަސްވުމެއް ހަދާފައިވަނީ އަދީބަށް މަޖުބޫރުކޮށް ޓޯޗާ ކޮށްގެން ކަމަށް ފަނޑިޔާރު ކަނޑައަޅުއްވާފައިވާތީ، އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި އެކަން ގާޒީ ވެސް ގަބޫލުކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
ޝަމީމު އިތުރަށް ވިދާޅުވީ، ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު