މޯލްޑިވްސް މީޑިއާ ކައުންސިލް، (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އެއްކޮށްލުމަށް ހަދަން ޖެހޭ ގާނޫނު ހެދުމަށްޓަކައި އެކުލަވައިލަން ޖެހޭ ބިލުުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދި އެޓާނީޖެނެރަލް (އޭޖީ) އަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މީޑިއާތައް މޮނިޓާ ކުރުމަށް އެމްއެމްސީގެ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހާ ބެހޭގޮތުން ކޮމިޓީގައި މިއަދު ކުރިޔަށްދިޔަ ބަހުސްގައި، އެ ހުރިހާ ކަމަކަށް އޮތް ހައްލަކީ އެ ދެ މުއައްސަސާ އެއްކޮށްލުމަށް ދައްކާފައިވާ ވާހަކަތަކާ އެއްގޮތަށް ގާނޫނަކުން އަވަހަށް އެ ދެ މުއައްސަސާއެއްކޮށްލުން ކަމަށް ވިދާޅުވެ އެބިލުގެ މަސައްކަތް އަވަސްކޮށްދިނުމަށް އޭޖީއަށް ދެންނެވުމަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ. ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.
މެންބަރު ވިސާމް ވިދާޅުވީ، އެމްއެމްސީގެ މެންބަރުންނަކީ މަޖިލީހުން ރުހުން ދީގެން އައްޔަން ކޮށްފައިވާ ބައެއްނޫން ކަމަށާއި، އެއީ މީޑިއާތަކުން ވޯޓު ލައިގެން އިންތިހާބުކޮށްފައިވާ ބައެއް ކަމަށެވެ. އެހެންކަމުން ވަކި ދުވަހެއް ކަނޑައަޅައި އެދުވަހެއްގެ ކުރިން ގަވާއިދެއް ހަދައި މަޖިލީހަށް ހުށަހަޅަން އެ ކޮމިޝަނަށް މަޖިލީހުން އެންގޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ކޮމިޓީއަށް ބޭނުން ވެއްޖެ ހިނދެއްގައި އެފަދަ ގަވާއިދެއް ހެދުމުގެ މުހިއްމުކަމާއި އެކަމުގެ ސަމާލުކަމަށް އެދި އެމްއެމްސީއަށް ކޮމިޓީން ހުށަހެޅިދާނެ ދެކިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ވިސާމް ވިދާޅުވީ މިހާރު ކަންތައް އޮތް ގޮތުން އެކަމަށް ގަވާއިދެއް ހަދައިގެން މައްސަލަ ހައްލު ކުރެވޭނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެ ގޮތުން އެމްއެމްސީއާއި ބްރޯޑްކޮމް އަދި ސަރުކާރުން ވެސް މީޑިއާއާ ގުޅޭ ކަންކަން ކުރާން ޖެހޭ ގޮތަށް މިހާރުގެ ގަވައިދާއި ގާނޫނުތައް އެބަހުރި ކަމަށް ވިސާމް ވިދާޅުވިއެވެ.
އެހެންކަމުން، އެމްއެމްސީ އާއި އެމްބީސީގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް ބަދަލު ގެނައުމުގެ ބަދަލުގައި މުޅި މައްސަޔަށް ފަސޭހަ ހައްލެއް ލިބިގެންދާނީ ގާނޫނުން ދެ މުއައްްސަސާ އެއްކޮށްލުން އަވަސްކޮށްގެން ކަމަށްވެސް މެންބަރު ވިސާމް ވިދާޅުވިއެވެ.
ވިސާމް ވިދާޅުވީ، އެކަމަަށްޓަކައި އެކުލަވައިލި ސަބް ކޮމިޓީން މީޑިއާތަކާ ބައްދަލުކުރި އިރުވެސް ވިސްނުން ހުރީ ދެ މުއައްސަސާ އެއްކޮށްލުމަށް ކަމަށެވެ. އެމްއެމްސީއަށް އިތުރަށް ބޭނުންވާ ފައިސާ ހޯދައިދިނުމަށް ފިނޭންސް މިނިސްޓްރީއާއެކު ކުރި މަޝްވަރާތަކުގައިވެސް އެއް ކަމަކަށް ދެ ކޮމިޝަން އޮތުމުން އެކަން ކުރުމަށް އުނދަގޫވާ ކަމަށް ފިނޭންސުން ބުނެފައިވާ ކަމަށާއި އެހެންކަމުން ފިނޭންސް މިނިސްޓްރީގެ ވިސްނުންވެސް ހުރީ ދެ މުއައްސަސާ އެއްކޮލުން އަވަސް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ވިސާމުގެ ހުށަހެޅުން ފާސްވުމާއެކު، އެކަމަށްޓަކައި އެކުލަވައިލި ސަބް ކޮމިޓީން ފާހަގަކުރި ކަންތައްތަކާއެކު މާދަމާ އޭޖީއަށް އެކަމާބެހޭ ސިޓީ ފޮނުއްވުމަށް ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ނިންމެވިއެވެ.
ރާއްޖޭގެ މީޑިއާތައް
ރާއްޖޭގެ މީޑިއާތައް
ރާއްޖޭގެ މީޑިއާތައް