17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް، ބިރުދައްކައި، ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލަ ހުށަހަޅާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މާލެއިން ކަމަށެވެ. މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ވިލިމާލޭގައި ދިރިއުޅޭ 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު މާލެ ގެނެސް އެކުއްޖާ ރޭޕް ކުރަން އުޅުމުގެ މައްސަލައެއްގެ ވާހަކަތަކެއް މިއަދު ސޯޝިއަލް މީޑިއާގައި ވަނީ ފެތުރިފައެވެ.

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ މައްސަލަތައް އާދަޔާ ހިލާފަށް ގިނަވެ، އެ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލުންވެސް މި ދުވަސްވަރު ވަނީ ގިނަވެފަ އެވެ.