އެމްއެމްޕީއާރުސީ މައްސަލަޔަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އުފައްދާފައިވާ މައްސަލައެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިއަދު މިހެން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހުރިހާ ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެގޮތުން އެމްއެމްޕީއާރުސީ މައްސަލަޔަކީ ވުޖޫދުގައިވެސް ނެތް މައްސަލައެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. މި މައްސަލަ ފާހަގަ ކުރެވެނީ ބަޔަކު ޒާތީ ހަސަދައެއް ފިލުވަން އުފައްދައިގެން އުޅޭ މައްސަލައެއްގެ ގޮތުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ އެމްއެމްޕީއާރުސީ މައްސަލަޔަކީ ކުރީގެ ޕީޖީ ބިޝާމް އަދި އޭސީޕީ ރިޔާޒް އިސްކޮށް ތިއްބަވައިގެން އުފައްދާފައިވާ މައްސަލައެއްގެ ގޮތުގައި ތުހުމަތު ކުރައްވައިފައެވެ. މިއަދު ކުރިއަށްދިޔަ އަދީބުގެ ޝަރީއަތުން އެކަން ސާބިތުވެގެން ހިނގައްޖެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެމުން އައީ ނުހައްގު އަނިޔާތަކެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކޮށްފައިވާ ހުރިހާ ކަމަކީ، ގަސްދުގައި ރާވައިގެން ހިންގާ ކަންކަން ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.
އަދުރޭ ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ދިޔަ އަދީބުގެ މައްސަލަ ނިމުނު ގޮތުން ރައީސް ޔާމީނު އިތުރަށް ޖަލުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން އެނގިގެން ހިނގައްޖެ ކަމަށެވެ. މި މައްސަލައިގައި އޭސީޕީ ރިޔާޒް އަދި ކުރީގެ ޕީޖީ ބިޝާމް އަމަލު ކުރައްވާފައިވަނީ ރަނގަޅަށް ނޫން ކަމަށް މިއަދު ކޯޓުން ބުނެފައި ވާއިރު، މިކަމުގެ ސަބަބުން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސައްހަ ނޫން ދައުވާއެއްކަން ޔަގީން ވެއްޖެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އަދުރޭ ވަނީ ސަރުކާރާއި ކަމާބެހޭ ހުރިހާ އިދާރާތަކަށް މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައްވައިފައެވެ. އަދި ރައީސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް އަނބުރާ ނެގުމަށް ޕީޖީ ހުސެއިން ޝަމީމަށް ވެސް އަދުރޭ ގޮވާލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު