ބިދޭސީންތަކަކަށް މުސާރަ ނުލިބިގެން ހުޅުމާލޭގައި މިއަދު ކުރި މުޒާހަރާއެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި ބައެއް ފުލުހުންނަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހަމަނުޖެހުމުގެ ތެރެއިން ބައެއް ފުލުހުންނަށް އަނިޔާ ވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށް ވެސް ގެއްލުން ވެފައިވެއެވެ. ނަމަވެސް އަނިޔާވި ފުލުހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މިއަދު ހުޅުމާލޭގައި މުޒާހަރާ ކުރި ބިދޭސީންނަކީ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މުޒާހަރާގެ ތެރެއިން ހިނގި ހަމަނުޖެހުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، މުޒާހަރާ ކުރި ބިދޭސީން ތިބީ އައިލެންޑް އެކްސްޕާޓްގެ ލޭބާ ކުއާޓަރުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ސޯޝަލް މީޑިއާގައި މިއަދު އާންމުވި މި މުޒާހަރާގެ ވީޑިއޯގައި ބިދޭސީންތައް ކުދި ގަލުގެ އިތުރުންވެސް އެކި ކަހަލަ ތަކެތި ފުލުހުންނާ ދިމާއަށް އުކާ މަންޒަރު ފެނެއެވެ. ފުލުހުންނަށް އަމާޒުވި މި ހަމަލާއިން ސަލާމަތް ވުމަށް ފުލުހުންގެ ވެހިކަލްގެ ފަހަތަށް ވަދެ، ވެހިކަލް ނިވާފަތް ގަނޑަކަށް ބޭނުންކުރާ މަންޒަރު މި ވީޑިއޯއިން ފެނިގެން ދެއެވެ. އަދި އެސަރަހައްދަށް އެއްވެފައިވާ މީހުން ދުރުކުރުމަށް ފުލުހުން މަސައްކަތް ކުރާ މަންޒަރުވެސް ފެނިގެންދެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މުޒާހަރާއާ ގުޅިގެން މިހާތަނަށް 22 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަތަކެއް މިދުވަސްވަރު ވަނީ ފެންމަތިވެފައެވެ. އެގޮތުން ހުޅުމާލޭގައި މި މަހު މީގެ ކުރީންވެސް ބިދޭސީން މުޒާހަރާކޮށްފައިވާ އިރު، މިމަހު ކުރީކޮޅު މުސާރަ ނުދީގެން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ވެސް ވަނީ ހަމަނުޖެހުން ހިންގައި ދިވެހިންތަކެއް ރަހީނުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު