ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާ ގުޅުވައިގެން، އެއީ ކުދިން ޖާރިޔާއިންނަށް ހެދުމުގެ ހީލަތްތެރި ވިސްނުމެއް ކަމަށް، ވާހަކަ ނުދެއްކޭނެކަމަށް ވިދާޅުވެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ، ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަރާނާ ނައީމު މަޖިލީހަށް ހުށަހެޅުއްވި ބުލެކެވެ.

މި ބިލުގައިވާ އިސްލާހުތަކަށް ފާޑު ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ތައުލީމާއި ގުޅޭ ބިލުގެ އަމާޒަކީ އަންހެންކުދިން މަދަރުސާއަށް ނުފޮނުވައި އެ ކުދިން ޖާރިޔާއިންނަށް ހެދުމުގެ ހީލަތްތެރި ވިސްނުމެއްގައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. މި ކަމާ ދެކޮޅަށް ނުކުތުން ވަރަށް މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި، ވާހަކަ ދައްކަވަމުން މެންބަރު ހުސްނީ ވިދާޅުވީ، ހޯމް ސްކޫލިންއަކީ ޖާރިޔާއިންނަށް ފުރުސަތު ފަހި ކުރުން ކަމަށާއި، އެއީ އިސްލާމްދީނުގެ އަސާސްތަކާ ހިލާފުވަ ގޮތަށް އަންހެންދަރިން ތައުލީމުން މަހްރޫމުވާގޮތަށް ތަސައްރަފު ކޮށްދޭން މި ބިލާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަ ކުށްވެރިކުރައްވާ ކަމަށެވެ.

"އެއްވެސް ހާލެއްގައި ހޯމް ސްކޫލިންގެ ފުރުސަތު ފަހިކޮށްދިނުމަކީ އަންހެންދަރިން މި ގައުމުގައި ތައުލީމުން އެކަހެރިކޮށްފަ، އެކުދިން ގޭގަ ބައިތިއްބައިގެން އެކުދިންނަށް ތައުލީމު ދިނުމަށް ވަކި ގޮތަކަށް އެކުދިން ތަރުބިއްޔަތުކުރުމަށް ފުރުސަތު ދިނުމެއްނޫން،" ހުސްނީ ވިދާޅުވިއެވެ.

ހުސްނީ ވިދާޅުވީ މި ބިލާބެހޭގޮތުން އެގޮތަށް ވާހަކަ ދައްކާނަމަ މި އިސްލާހުގައި ބުނާގޮތަށް ދަރިވަރުންނަށް ފުރުސަތު ނުލިބޭގޮތަށް ކަންކަން ފަހިކޮށްދިނުމަކީ ލާދީނިއްޔަތަށް ފުރުސަތު ދިނުމޭވެސް ބުނެވިދާނެ ކަމަށެވެ.

"އެއްވެސް ހާލެއްގައި މިގޮތަށް ހޯމް ސްކޫލިން އަށް ފުރުސަތު ފަހިކޮށްދިނުމަކީ ވަކި ގޮތަކަށް އެކުދިން ތަރުބިއްޔަތު ކުރުމެއްނޫން، ހަމަ އެގޮތަށް ގަބޫލު ކުރަންވީނޫންތޯ، އެފުރުސަރު ފަހިކޮށްދިނުމަކީ ލާދީނިއްޔަތަށް ކުދިން ތަރުބިއްޔަތު ކުރުމަށް ލިބިދޭ ފުރުސަތެއްގެ ގޮތުގައި ވެސް،" ހުސްނީ ވިދާޅުވިއެވެ.