ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެއް އެޖެންޑާ ކޮށްފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު މަޖިލީހުގެ ނައިބު ރައީސް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަރަށް މުހިއްމު ކަންތައްތަކެއް ހުރުމުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރުން މުހިއްމު ކަމަށެވެ.
ސަލީމް އެހެން ވިދާޅުވުމުން، ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެއް މިއަދު ކޮމިޓީއަށް އެޖެންޑާކޮށްފައިވާ ކަމަށް ވިދާޅުވެ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ. ތާއީދު ކުރެއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
އެ ހިސާބުން ކޮމިޓީ ބައްދަލުވުން ސިއްރު ބައްދަލުވުކަމަށް ބަދަލު ކުރިއެވެ.
ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ސަލާމަތީ ހިދުމަތްތަކުގެ ވެރިން ހާޒިރުކުރަން މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.
އެއީ ރާއްޖެއަށް ވަގަށް ވަނުމުން ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ ބޯޓެއް ނަގިލި ކަނޑައިގެން އޮޔާ ގޮސް މާލޭގެ ފަރަށް އުރުމާ ގުޅިގެން ސިނަމާލެ ބުރިޖުގައި ޖެހުނު މައްސަލައިގައެވެ.
ދޫނިދޫއާއި މާލެއާ ދެމެދު އަޅާފައި އޮތް އެ ދެ ބޯޓު، މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ އޮޔާ ދިޔައީ ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް އޭރު އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ މައްސަަލައާއި އެހެން ބައެއް މައްސަަލަތަކާ ގުޅޭ ގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފުލުހުންނާއި ސިފައިން ހާޒިރުކުރަން ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް