ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި، ތައުލީމުގެ ގާނޫނުގެ ބިލަކީ، ތައުލީމުން އެއްވެސް ކުއްޖަލު ބާކީ ނުކުރުމަށް ސަރުކާރުން ހުށަހެޅި ބިލެއް ކަަމަށް އެ ބިލް މަޖިލީހަށް ހުށަހެޅުއްވި، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމު ވިދާޅުވެއްޖެއެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން ބިލަށް ފަހުބަސް ވިދާޅުވަމުން މިއަދުގެ ޖަލްސާގައި އަނާރާ ވިދާޅުވީ، މި ބިލަކީ އެއްވެސް ދަރިޔަކު ބާކީ ނުކުރުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ބިލެއް ކަމަށާއި، މިއީ އެއްވެސް ކުއްޖަކު ތައުލީމުން ބާކީނުކޮށް ހުރިހާ ކުދިންނަށް ތައުލީމު ލިބުމުގެ ހައްގު ފޯރުކޯށްދިނުމަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ.

މި ބިލަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ހާލަތްތަކުގައިވާ ކުދިންނަށް ރަނގަޅު ނިޒާމެއްގެ ތެރެއިން ތައުލީމު ފޯރުކޮށްދިނުމަށް ހުށަހެޅުއްވި ބިލެއް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"މިބިލް ގާނޫނަކަށް ވެގެން އަންނައިރު ވަރަށް ރަނގަޅު ނިޒާމެއްގެ ދަށުން ވަރަށް ރަނގަޅު އުސޫލުތަކެއް ކަނޑައެޅިގެން މި ބިލް ގާނޫނަކަށް ވެގެންދާނެކަން ފާހަގަކުރެވޭ،" އަނާރާ ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ، ހަގީގަތުގައިވެސް ރާއްޖޭގެ ތައުލީމި ނިޒާމަކީ މިހާރު ބައިނަލް އަގްވާމީ ފެންވަރުގައިވެސް ބަަލައި ގަނެވޭ، ގަބޫލު ކުރެވޭ ނިޒާމެއް ކަމަށެވެ.

އޭގެ އެއް ހެއްކަކީ މިހާރުވެސް ރައްޖޭގެ ދަރިވަރުން ބައިނަލްއަގްވާމީ މައިދާންތަކުގަ އާއި މަތީ ސާނަވީ އިމްތިހާނު ތަކުން ރަންވަނަތައް ހޯދަމުން ދިއުން ކަމަށްވެސް ވިދާޅުވިއެވެ.

ބޭނުން ވަނީ، މި ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީގައި ބިލު ދިރާސާކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާގެ އިތުރުން، އާއްމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން، ބިލް ރަނގަޅަށް ދިރާސާކުރާއްވައި އެންމެ ފުރިހަމައަށް ތައުލީމީ ނިޒާމު ބައްޓަން ވާ ގޮތަށް މި ބިލް ގާނޫނަކަށް ވެގެންދިއުން ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.