އާންމުކޮށް ކުރިން ކުރަން ނުޖެހޭ އެތައްކަމެއް ކޮވިޑް 19 އާ ގުޅިގެން ކުރަން މިވަނީ ޖެހިފައެވެ. މިރާއްޖެ އެކަންޏެއް ނޫނެވެ. މުޅި ދުނިޔެވެސް މިވަނީ މުޅިން އާ ގޮތް ތަކަކަށް ހޭނެން މަޖުބޫރު ވެފައެވެ. އެގޮތުން ކޮވިޑުން ރައްކާތެރި ވުމަށްޓަކައި ނޭފަތާއި އަނގަ ނިވާ ކުރުމަށް މާސްކް އެޅުމާއި ގައި ދުރު ކުރުމާއި ގިނަ ގިނައިން އަތް ދޮވެ ސާފު ކުރުމަކީ މީގެ ކުރިން އާންމުކޮށް އެއްވެސް ބަޔަކު ކުރަމުން އައި ކަންކަމެއް ނޫނެވެ.

އަމިއްލަ ނަފުސު ބަލިން ރައްކާތެރި ކުރުމަށްޓަކައި އަދި މި ބަލިން އެހެން މީހުން ރައްކާތެރި ކުރުމަށްޓަކައި މިކަންކަން ކުރަން ކޮންމެހެން ވެސް މިވަނީ މަޖުބޫރު ވެފައެވެ. ނަމަވެސް ހިތާމައަކީ ބައެއް މީހުން ބޭރުތެރޭގައި އުޅޭއިރު މިކަމަށް ސަމާލުކަން ނުދޭތީއެވެ. ސިއްހީ ތަޖުރިބާކާރުން ލަފާ ދެއްވަމުން ގެންދަވަނީ ބޭރު ތެރޭގައި އުޅޭއިރުގަ އާއި ބަންދުވެފައި ހުންނަ ތަންތަނަށް ވަންނައިރު ކޮންމެހެންވެސް މާސްކް އަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި މުޖުތަމައުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މަގުމަތީ އުޅޭއިރުވެސް މާސްކް ނާޅަނީއެވެ. ފިހާރަ ފަދަ ތަންތަނަށް ވެސް މާސްކު އެޅުމެއް ނެތި ވަންނަނީ އެވެ. އެތަންތަނުގައި ތިބޭ މީހުން އެފަދަ މީހުންނަށް ހިދުމަތްވެސް ދެނީއެވެ. އެންމެން ނުރައްކަލަށް ހުށަހެޅެނީ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ތާ އަބަދު ހަނދާން ކޮށްދެމުންދާއިރު ހޮސްޕިޓަލް ފަދަ ބަލި ޖެހުމުގެ ފުރުސަތު އޮންނަ ތަންތަނަށް ވެސް މާސްކް ނާޅައި ވަންނަކަން ފާހަގަ ކުރެވެއެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ނަޒީމް ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފައެވެ.

ޑރ. އަލީ ނަޒީމް ވިދާޅުވެފައިވަނީ އައިޖީއެމްއެޗަކީ އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ހިދުމަތް ހޯދާ ހޮސްޕިޓަލެއް ކަމަށާއި ނަމަވެސް ފަހަކަށް އައިސް ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ބައެއް މީހުން މާސްކް ނާޅައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މާސްކް ނާޅައި އުޅުމުގެ އިތުރުން ހޮސްޕިޓަލުގެ ތެރޭގައި އެއްތަނަކަށް ގިނަ ބަޔަކު ޖަމާވެ އުޅޭކަންވެސް ޑރ. ނަޒީމް ފާހަގަކުރެއްވިއެވެ.

"ހޮސްޕިޓަލަށް އަންނަ ބައެއް މީހުން މަދުން ނަމަވެސް މާސްކް ނާޅައި އުޅޭކަން ފާހަގަކުރެވޭ،" ޑރ. އަލީ ނަޒީމް ވިދާޅުވިއެވެ.

ޑރ. ނަޒީމްގެ އިތުރުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުވެސް ވަނީ ލުއިތަކާއެކު ބައެއް ރައްޔިތުން މާސްކް ނާޅައި މަގުތަކުގައި އުޅޭކަން ފާހަގަކުރައްވައިފައެވެ.

ރާއްޖެއަށް އިއުލާނުކޮށްފައިވާ ލޮކްޑައުން އަށް ލުއިތަކެއް ދީފައިވާއިރު، ވޭތުވެ ދިޔަ ދުވަސްތަކުގައި މި ބަލި ފެތުރުން މަދުވެފައި ވަނިކޮށް މިދިޔަ ހަފުތާގައި ވަނީ ބަލި ޖެހުނު މީހުންގެ އަދަދު އިތުރު ވެފައެވެ. ސިއްހީ ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ އެޗްޕީއޭގެ ގައިޑް ލައިންތަކާއި އެއްގޮތަށް އަމަލުތައް ނުބަހައްޓާތީ އެވެ.

މާސްކް އަޅައިގެން އުޅޭ ބައެއް ފަރާތްތަކުން ވެސް ނަމެއްގައި މާސްކް އަޅާފައި ހުންނަ ތަން ފެނެއެވެ. އެގޮތުން މާސް ދަތްދޮޅި ދަަށަށް ވައްޓާލައިގެން ތިބޭތަން ވެސް ގިނަ ފަހަރު ފެނެއެވެ. ނަމަވެސް އެގޮތަށް އެކަން ކުރުމުން މާސްކް އަޅާ މަގުސަދު ހާސިލެއް ނުވެއެވެ. އެހެން ނަމަވެސް ފަރުވާތެރިކަމާއެކު މާސް އަޅާ މީހުންވެސް މަދެއް ނޫނެވެ. މަދު ބައެއްގެ ސަބަބުން އޭގެ ގެއްލުން ގިނަ މީހުންނަށް ކުރާނެ ކަން ޔަގީނެވެ.

ލޮކްޑައުން ނިމި ނިއުނޯމަލް އަކަށް ދާން މިސްރާބު ޖަހާފައިވާއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމަކަށް ހެދުން މަޖުބޫރު ވާ ހިސާބަށް ގޮސްފައިވާ ކަމަށް ބައެއް ފަރާތްތަކުން ދެކެވެ. ސަބަބަކީ ފަރުދީ ޒިންމާއަށް މިކަން ދޫކޮށްލުމުން ބައެއް ފަރާތްތަކުން އެގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ގިނަ ބަޔަކަށް އެކަމުގެ ގެއްލުން ކުރިމަތިވެ އަނެއްކާވެސް ލޮކްޑައުން އަކަށް ދާން މަޖުބޫރުވެދާނެތީ އެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ކުރިމަތިވާނެއެވެ. އިޖްތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން ލިބިފައިވާ ގެއްލުން އިތުރަށް ބޮޑުވެގެންދާނެތީއެވެ.

ފަރުދީ ޒިންމާ ނުނަގައިފި ނަމަ ދެން އޮންނާނެ ގޮތަކީ އެޔަށްވުރެ ހަރުކަށި ފިޔަވަޅުތައް އެޅުމެވެ. ކާފިއު އާއި ލޮކް ޑައުން އާއި މިފަދަ އެހެންވެސް ފިޔަވަޅުތައް އަޅާން ޖެހެނީ ހަމަ އެކަނި ފަރުދީ ޒިންމާއަށް ދޫކޮށްލުމުން ސިއްހީ ރައްކާތެރިކަންވެސް އެންމެ ފުރިހަމަ މާނައިގައި ކަށަވަރު ނުކުރެވޭތީ އެވެ. މާލެ ފަދަ ތޮއްޖެހިފައިވާ ސިޓީއެއްގައި ގައިދުރުކަން ކަށަވަރު ނުކޮށް، ފަރުދީ ޒިންމާ ނުނަގައި އުޅެމުންދާ އިރު، މަދު ބަޔަކު ކުރާ އެފަދަ ކަންކަމުގެ ސަބަބުން އެހެން އެންމެން ނުރައްކަލަށް ހުށަހެޅި މުޅި މުޖުތަމައު ބައްޔަށް ހުށަހެޅޭނެ ފުރުސަތު ފަހިވާނެ ކަންކަން ހުއްޓުވަން އަޅާން ޖެހޭ ހަރުކަށި ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ. ގެއިން ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައިމެ މާސް އެޅުން މަޖުބޫރު ކުރުމަކީ މި ގޮތުގެ މަތީން މިހާރުން މިހާރަށް މަޖުބޫރުކުރާން ވެއްޖެ ކަމެއް ކަމެއް ކަމަށް ބުނާ މީހުން ގިނަވެފައި ވަނީ މި ފަދަ އެތައް ސަބަބުތަކަކަށް ޓަކައެވެ. ޒަރޫރީ ވަކި ހާލަތުތަކެއްގައި، މިސާލަކަށް ކަސްރަތުކުރުން ފަދަ ކަންކަން، ނުވަތަ އުމުރުން ދުވަސްވީ މީހުން ހިނގާން ނުކުންނަ ވަގުތުތައް ފަދަ ވަގުތުތައް ނޫން އެހެން ހާލަތްތަކުގައި މަގުމަތީގައި މާސް ނާޅައި ނޫޅެވޭނެ އުސޫލެއް އަވަހަށް ހަމަޖެއްސުމަކީ އެންމެންގެ ރައްކާތެރިކަމަށް ޓަކައި ކުރާން ޖެހިއްޖެ ކަމެކެވެ.