ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ރީތިވާ ސާމާނުގެ ވިޔަފާރި ކުރަމުން އަންނަ ޕޮއިސް ޑިސްޓްރިބިއުޓާސްއަކީ މިއަދު ދިވެހީންނަށް އާ ނަމެއް ނޫނެވެ. މީގެ 17 އަހަރު ކުރިން 2009 ވަނަ އަހަރު ވުޖޫދަށް އައި ޕޮއިސް ގްރޫޕުގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ، ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ގަނެވޭނެ އަގުތަކެއްގައި ފެންވަރު ރަނގަޅު ސެންޓު ރާއްޖޭގެ ބާޒާރަށް ތައާރަފުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އެ ކުންފުނިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2009 ވަނަ އަހަރު ރަށްދެބައިމަގުގައި ޕޮއިސްގެ ކުޑަ ފިހާރައެއް ހުޅުވައި ހޯލްސޭލް އަދި ރީޓެއިލްގެ ހިދުމަތްދޭން ފެށިއެވެ. ވިޔަފާރި ފުޅާކޮށް، 2016 ވަނަ އަހަރު މަޖީދީ މަގުގައި ޕޮއިސް ޕާފިއުމްގެ ނަމުގައި ފިހާރައެއް ހުޅުވިއެވެ. އޭގެ ފަހުން ވިޔަފާރި އިތުރަށް ފުޅާކޮށް، 2017 ވަނަ އަހަރު ޕޮއިސް ޑިސްޓްރިބިއުޓާސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަސްމީކޮށް ކުންފުނި ރަޖިސްޓަރީކުރިއެވެ. މިއަދު އެ ކުންފުންޏަކީ ރާއްޖޭގައި ސެންޓާއި ކޮސްމެޓިކްސް އެތެރެކޮށް ވިއްކާ އެންމެ ބޮޑު އެއް ކުންފުންޏެވެ.
ޕޮއިސްއިން ވިއްކާ ސެންޓު ބްރޭންޑްތަކަށް ބަލާއިރު، އެ ކުންފުންޏަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ގިނަ ބްރޭންޑްތަކެއްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއެވެ. މީގެ ތެރޭގައި މެދުއިރުމަތީގެ މަޝްހޫރު ބްރޭންޑްތަކާއި ޔޫރަޕުގެ ފެންވަރު ރަނގަޅު ބްރޭންޑްތައް ހިމެނެއެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ބްރޭންޑްތަކުގެ ތެރޭގައި ލަތާފާ، ޚަދްލަޖް، ރިފްސް، ފަދަ ނަންތައް ހިމެނެއެވެ. މީގެ އިތުރުން ޕެރިސްވެލީ، ހޮޓްއައިސް، ލުއިސް ކާޑިން، ފޮގް، އަދި ލޮވީސާ ފަދަ ބްރޭންޑްތަކަކީވެސް ޕޮއިސްއިން ދިވެހިންނަށް ތައާރަފްކޮށްދިން ބްރޭންޑުތަކެވެ.
ލަތާފާ އަދި ޚަދްލަޖް ފަދަ ބްރޭންޑްތަކަކީ އަރަބިވަންތަ އަދި އޫދުގެ ވަސް އެކުލެވޭ، ގިނަ ވަގުތު ހުންނަ ވަސް ސެންޓުތަކެއް އުފައްދާ ކުންފުނިތަކެކެވެ. މި ބްރޭންޑްތަކުގެ ސެންޓުތަކަކީ ރާއްޖޭގެ ހޫނު މޫސުމާ ގުޅޭ، އަދި ގިނަ އިރު ވާންދެން މީރުވަސް ހިފަހައްޓައިދޭ އުފެއްދުންތަކެއް ކަމުން، ދިވެހި ރައްޔިތުންގެ މެދުގައި މި ބްރޭންޑްތަކަށް އޮންނަ ޑިމާންޑު ވަރަށް ބޮޑެވެ. ހަމައެއާއެކު، ލުއިސް ކާޑިން އަދި ޕެރިސްވެލީ ފަދަ ބްރޭންޑްތަކުން ޔޫރަޕުގެ ސްޓައިލަށް އުފައްދާފައިވާ ލުއި އަދި މީރުވަސް ދުވާ ސެންޓުތައްވެސް ޕޮއިސްގެ ފިހާރަތަކުން ލިބެން ހުރެއެވެ. މިއީ ތަފާތު އެކި މުނާސަބަތުތަކަށާއި ދުވަހުން ދުވަހަށް ބޭނުންކުރުމަށްވެސް ވަރަށް އެކަށީގެންވާ ސެންޓުތަކެކެވެ. މީގެ ސަބަބުން، ކަސްޓަމަރުންނަށް އެމީހެއްގެ ބަޖެޓު އަދި ބޭނުންވާ ގޮތާ އެންމެ ގުޅޭ ސެންޓެއް އިހުތިޔާރުކުރުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ލިބިގެންދެއެވެ.
ޕޮއިސް ޑިސްޓްރިބިއުޓާސްގެ ފިހާރަތައް ހުޅުވާފައިވާ ތަންތަނަށް ބަލާއިރު، އެ ކުންފުނިން އަންނަނީ މާލެ އަދި ހުޅުމާލޭގައި ޖުމުލަ ހަ އައުޓްލެޓެއް ހިންގަމުންނެވެ. މާލޭގައި އެ ކުންފުނީގެ ހަތަރު އައުޓްލެޓެއް ހުރެއެވެ. އޭގެ ތެރޭގައި މަޖީދީމަގުގައި ހުންނަ "ޕޮއިސް ޕާފިއުމްސް" އަދި "ޕޮއިސް ޕާފިއުމްސް ޕްލަސް" ހިމެނެއެވެ. މިއީ އާންމު ކަސްޓަމަރުންނަށް ފަސޭހައިން ވަދެވޭ ގޮތަށް، ސިޓީގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުގައި ގާއިމުކޮށްފައިވާ ފިހާރަތަކެކެވެ. މީގެ އިތުރުން، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ އެތެރޭގައި ކުޑަ އައުޓްލެޓެއް ހިންގަމުން އަންނައިރު، ރަށްދެބައިމަގުގައި ހޯލްސޭލް ވިޔަފާރިއަށް ހާއްސަކޮށްގެން މައި މަރުކަޒެއްވެސް ވަނީ ހުޅުވައިފައެވެ.
މާލޭގެ އިތުރުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ޕޮއިސްގެ ފިހާރަތައް ވަނީ ހުޅުވައިފައެވެ. އެއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުގައި ހުންނަ "ޕޮއިސް ޕާފިއުމްސް ހުޅުމާލެ" އާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ "ޕޮއިސް ޕާފިއުމްސް ބިއުޓީ" އެވެ. މި ފިހާރަތަކަކީ ޖާގަ ތަނަވަސް އަދި ކަސްޓަމަރުންނަށް ހިތްފަސޭހަކަމާއެކު ސެންޓުތަކުގެ ވަސް ބަލައި، އެމީހަކަށް އެންމެ ކަމުދާ އުފެއްދުމެއް ހިޔާރުކުރުމަށް މަގުފަހިވާނެހެން ފަރުމާކޮށްފައިވާ ފިހާރަތަކެކެވެ. މި އައުޓްލެޓްތަކުގެ މުވައްޒަފުންނަކީ ސެންޓާ ގުޅޭ ފުރިހަމަ މައުލޫމާތު އެނގޭ، ކަސްޓަމަރުންނަށް ރަނގަޅު އިރުޝާދު ދިނުމަށް ތަމްރީނުކޮށްވިފައިވާ ބައެކެވެ.
ޕޮއިސްއިން ވިއްކާ ސެންޓުގެ ކޮލެޓީއާއި ފެންވަރަކީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަންތަކެވެ. އެ ކުންފުންޏަކީ ބައިނަލްއަގުވާމީ އެތައް ބްރޭންޑްތަކެއްގެ ރަސްމީ ޑިސްޓްރިބިއުޓަރަށް ވުމާއެކު، ޕޮއިސްގެ ފިހާރަތަކުން ވިއްކާ ކޮންމެ ސެންޓު ފުޅިއަކީވެސް ސީދާ އުފައްދާ ކުންފުނިން ގެންނަ، ސައްހަ އުފެއްދުމެއްކަން އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.
ކޮލެޓީގެ ގޮތުން ބަލާއިރު، ޕޮއިސްއިން އެތެރެކުރާ ސެންޓުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އަދި ރައްކާތެރިކަމުގެ ހުރިހާ ޓެސްޓުތަކެއް ފުރިހަމަކޮށްފައިވާ އުފެއްދުންތަކެކެވެ. އެ ކުންފުނިން ވިއްކާ ގިނަ ބްރޭންޑްތަކަކީ "އޯ ޑި ޕާފިއުމް" ކެޓަގަރީގެ، ސެންޓުގެ އޮއިލް އެކުލެވޭ މިންވަރު މަތި އުފެއްދުންތަކެކެވެ. މީގެ މާނައަކީ، މި ސެންޓުތަކުގެ ވަސް ގިނަ އިރުތަކެއް ވާންދެން ހަށިގަނޑުގައާއި ހެދުމުގައި ހިފަހައްޓައިދޭނެކަމެވެ. ރާއްޖެ ފަދަ ހޫނު އަދި ވައިގަދަ މާހައުލެއްގައިވެސް މީރުވަސް ދެމިހުންނާނެ ފަދަ ފެންވަރު ރަނގަޅު އިންގްރީޑިއެންޓްސް ބޭނުންކޮށްގެން އުފައްދާފައިވާ މި ސެންޓުތަކަކީ، ކޮލެޓީއަށް ބަލާއިރު އަގުގެ ގޮތުންވެސް ކަސްޓަމަރުންނަށް ވަރަށް ފައިދާހުރި އުފެއްދުންތަކެކެވެ.
ސެންޓުގެ އިތުރުން ޒީނަތްތެރިވުމަށް ބޭނުންވާ ގިނަ ސާމާނުތައްވެސް ޕޮއިސްއިން ލިބެން ހުރެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތްކުގެ ޕްރޮޑަކްޓްތައް ހިމެނެއެވެ. އެގޮތުން ޓޮޕް ފޭސް، އަރްމަފް ބިއުޓީ، ދަ ބާތް ފެކްޓަރީ، އައިއަޕް ސަބްރީ ޓުންސާ، ޑިއާ ބޮޑީ، ޑެކްސް ގެ އިތުރުން އަގީވާ ފަދަ ބްރޭންޑްތައް ހިމެނެއެވެ. އަދި ހޯމް ކެއާގެ ބާވަތްތަކުގެ ގޮތުގައި ސާ، އެލިނޯގެ ބާވަތްތައް ލިބެން ހުރެއެވެ.
ޕޮއިސް ޑިސްޓްރިބިއުޓާސްގެ ކާމިޔާބީގެ އަސްލަކީ ދިވެހީންނަށް ކަމުދާ ވަސްތައް ދެނެގަނެ، އެއާ ގުޅޭގޮތަށް މުދާ އެތެރެކުރުމެވެ. ދިވެހީންނަކީ ޒަމާނުއްސުރެ، މީރުވަސް ދުވާ ތަކެއްޗަށް ލޯބިކުރާ، އަދި ސެންޓު ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދޭ ބަޔެކެވެ. އެހެންކަމުން، ބޮޑެތި އަގުތަކުގައި ވިއްކާ ބްރޭންޑްތަކުގެ ބަދަލުގައި، ހެޔޮ އަގުގައި އެ ފެންވަރުގެ ނުވަތަ އެއަށްވުރެވެސް މީރު އަދި މޮޅު ވަސްތަކެއް ލިބޭނެ މެދުއިރުމަތީގެ ބްރޭންޑްތައް ރާއްޖެއަށް ތައާރަފުކުރުމަކީ ޕޮއިސްއިން އެޅި ވަރަށް މުހިންމު ވިޔަފާރީގެ ފިޔަވަޅެކެވެ. މިއަދު އެ ކުންފުނީގެ ހޯލްސޭލް ވިޔަފާރީގެ ދަށުން 2،000 އަށްވުރެ ގިނަ ވިޔަފާރިވެރިންނާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ކަންމަތީ ފިހާރަތަކުން ފެށިގެން ބޮޑެތި ސުޕަމާކެޓްތަކާ ހަމައަށް ޕޮއިސްގެ އުފެއްދުންތައް ވަނީ ފެތުރިފައެވެ.
ޕޮއިސް ގްރޫޕުން އަމާޒު ހިފާފައިވަނީ އިތުރު އައު ބްރޭންޑްތައް ރާއްޖެއަށް ތައާރަފުކޮށް، ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ރީޓެއިލް އައުޓްލެޓްތައް ހުޅުވައި، ފެންވަރު ރަނގަޅު ސެންޓުތައް އާންމުންނާ އިތުރަށް ގާތްކުރުމަށް އެ ކުންފުނިން އަންނަނީ ރާވަމުންނެވެ. ވޭތުވެދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި ޕޮއިސްއިން ހޯދާފައިވާ ކުރިއެރުމާއި ކަސްޓަމަރުންގެ އިތުބާރަކީ، އެ ކުންފުނިން ވިއްކާ ތަކެތީގެ ކޮލެޓީއާއި ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކަން އަންގައިދޭ ވަރަށް ސާފު ހެއްކެކެވެ. މިއާއެކު، ޕޮއިސް ޑިސްޓްރިބިއުޓާސް ވެފައިވަނީ ރާއްޖޭގެ ސެންޓުގެ ބާޒާރުގައި އެންމެ އިތުބާރުކުރެވޭ، އަދި އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތްދޭ އެއް ކުންފުންޏަށެވެ.
އަލީ ޔާމިން





ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ކޮމެންޓް