މުހައްމަދު ޝަމްއޫން، ޑާކާ - ބަންގްލަދޭޝް

ބަންގްލަދޭޝަކީ މި ސަރަހައްދުގައި ފުޓުބޯޅައިގެ ފޯރި އެންމެ ގަދަ އެއް ގައުމެވެ. ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކަށްވެސް ބަންގްލަދޭޝްގެ ފުޓުބޯޅަ އާބާދީ މަރުދޭތަން ފެނެއެވެ. ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގައިވެސް ބަންގްލަދޭޝަކީ އެންމެ ފޯރި ނަގާ އެއް ގައުމެވެ. މިވަގުތު އެގައުމުގެ ފުޓުބޯޅަ ފޯރި އިތުރަށް ގަދަވެފައި ވަނީ ގައުމީ ޓީމު ވަރުގަދަކޮށް، މަގުބޫލުކަން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތްތަކާ އެކުގައެވެ. އެހެން ގައުމުތަކުގައި ދިރިއުޅޭ، އެގައުމަށް ނިސްބަތްވާ، ބައެއް ކުޅުންތެރިން ޓީމަށް ގެނެސް، ބަންގްލަދޭޝް ޓީމު މިހާރު އޮތީ މަގުބޫލުކަން އިތުރުވެސް ވެފައެވެ. ގައުމީ ޓީމުގެ މެޗުތަކަށް މީހުން ދޭ ސަމާލުކަން ބޮޑެވެ. މީޑިއާތަކުންވެސް އެކަމަށް ދޭ ސަމާލުކަން ބޮޑެވެ.

މިދިޔަ އަހަރެއްހައި ދުވަހެއްގެ ތެރޭގައި ބަންގްލަދޭޝް ގައުމީ ޓީމުގެ ކޮންމެ މެޗަކަށްވެސް ސަޕޯޓަރުންގެ ފޯރި ގަދަކޮށް ފެނިފައިވާ އިރު، ސާފް ޗެމްޕިއަންޝިޕް މިފަހަރު ބަންގްލަދޭޝްގައި އޮތުން އެއީ މުބާރާތް ފޯރިގަދަވާނެ ކަމަށް ބެލެވުނު ސަބަބެކެވެ. ބަންގްލަދޭޝް އުންމީދާއެކު މުބާރާތަށް ނުކުމެ، 2003 ވަނަ އަހަރަށްފަހު ސާފްގެ ތަށި އުފުލައިލަން ކުރާ މަސައްކަތުގައި ސްޓޭޑިއަމް ފުރާލާނެ ކަމަށް އަންތާޒާ ކުރެވުނެވެ. އަދި ބަންގްލަދޭޝުން އެގައުމުގެ ފެންވަރު، މުބާރާތުގެ އިންތިޒާމުތަކުން ދައްކާލާނެ ކަމަށް ވެސް ބެލެވުނެވެ.

އިއްޔެ މުބާރާތް ފެށިގެން ދިޔަ އިރު، މުބާރާތަށް ތައްޔާރުވުމުގައި ލަސްތަކެއް ހުރިކަން ސްޓޭޑިއަމް ސަރަހައްދުންވެސް އެނގެއެވެ. ސްޓޭޑިއަމް އެތެރޭގެ ތައްޔާރީތައް ރަނގަޅު ނަމަވެސް، ސްޓޭޑިއަމް ބޭރުގެ މާހައުލު ފެނުނީ އިންތިޒާމެއް ނެތިއެވެ. ސަލާމަތީ ކަންތައް އެންމެ ފުރިހަމައެއް ނޫނެވެ. ގިނަ ބަޔަކު ހަރަކާތްތެރިވި ނަމަވެސް، ތަނުގެ ސާފުކަމާއި ބޭރުގެ މަންޒަރުން ފެނުނީ މާބޮޑު ރޭވުންތެރިންތެރިކަމެއް ނެތްތަނެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން މުބާރާތް އާންމުންނާ ހަމައަށް ގެންދިޔުމުގައިވެސް ޗެލެންޖްތަކެއް ހުއްޓެވެ. ބައެއް މީޑިއާތަކުން ބުނީ ބަންގްލަދޭޝް ފުޓުބޯޅަ އިދާރާއާއި، ސާފާ ދެމެދު ދެބަސްވުންތަކެއް ހުރި ކަމަށެވެ. އެހެން ނަމަވެސް، ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް)ގެ ރައީސް ތާބިތު އައްވަލް ވަނީ ސާފާ މައްސަލަ އުޅޭކަން ދޮގު ކޮށްފައެވެ. އެހެން ނަމަވެސް އޭނާވެސް އެއްބަސްވެވަޑައިގަތީ އިންތިޒާމުތައް އެންމެ އެކަށީގެންވާ ފެންވަރަށް ނުދާ ކަމަށެވެ. ހާއްސަކޮށް މުބާރާތް ޕްރޮމޯޓް ކުރުމުގައި އިހުމާލުވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ،

ތާބިތު ވިދާޅުވީ ސާފްގެ މީޑިއާ ރައިޓްސް، އިންތިޒާމުތަކަށް ހަރަދުކުރުމާއި ސްޕޮންސަޝިޕް ހުރިހާ ކަމަކީވެސް ސާފުގެ ޒިންމާގެ ދަށުން ދާ ކަންތައްތައް ކަމަށާއި، އެކަމުގައި ބީއެފްއެފްއަށް ކުރަން ޖެހޭ މަސައްކަތެއް ނޯންނަ ކަމަށެވެ. އެހެން ނަމަވެސް ފޯރި ދަށްވުމުން އެކަމުގައި ބީއެފްއެފްއިން މަސައްކަތްތަކެއް ކުރަން ރާވާ ކަމަށް ތާބިތު ކުރިން ވިދާޅުވެފައިވެއެވެ.

5 ނޮވެމްބަރު 2026، ޑާކާ، ބަންގްލަދޭޝް، ސާފް ޗެމްޕިއަންޝިޕް 2026 ފެށުމަށް ތައްޔާރުވުމުގެ ތެރެއިން --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

މިއަހަރުގެ ސާފް ކުލަގަދަ ހަފުލާއަކާއެކު ފެށީ ދާދިފަހުން އުތުރު އެމެރިކާގެ އެމެރިކާ، މެކްސިކޯގެ އިތުރުން ކެނެޑާގައި ބޭއްވި ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ހުށަހެޅުންތައް ހުށަހަޅައިދިން ބަންގްލަދޭޝް - އެމެރިކާގެ ޑީޖޭ ސަންޖޯއީގެ އިވެންޓަކާވެސް އެކުގައެވެ. އޭގެ އިތުރުން އިންޓަނެޓް ބައެއް ޝަހުސިއްޔަތުންވެސް ހުޅުވުމުގެ ރަސްމިއްޔާތުން ފެނުނު އިރު، ބަޑިބޭހުގެ ކުޅިވަރުވެސް ފެނިގެން ދިޔައެވެ.

އެ ރަސްމިއްޔާތު ކުރިއަށްދިޔައިރުވެސް ދަނޑުގައި ބައިވަރު ހުސްގޮނޑި ހުއްޓެވެ. އޭގެފަހުން މެޗާއި ހަމައަށް ދިޔައިރުވެސް ގާތްގަނޑަކަށް ސްޓޭޑިއަމްގެ ދެބައިކުޅަ އެއްބައިވެސް ނުފުރެއެވެ. ޑާކާ ނޭޝަނަލް ސްޓޭޑިއަމަކީ 22،000 އެއްހާ ސަޕޯޓަރުންގެ ސްޓޭޑިއަމެއް ނަމަވެސް، ބަންގްލަދޭޝުން އެންމެ ފުރަތަމަ ބޫޓާނާ ދެކޮޅަށް ކުޅު މެޗަށް ވަނީ 12،000 އެއްހައި ސަޕޯޓަރުންނެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތުން ފުޓުބޯޅައަށް ބަހައްޓާ ފޯރިއާއި ޖޯޝަށް ބަލައި ވަރަށް މަދު އަދަދެކެވެ.

ޓިކެޓް އަގުބޮޑުވުމުގެ ޝަކުވާއަކީ ސަމާސާއެއް ނޫން

ސަޕޯޓަރުން ޓިކެޓް އަގުބޮޑުވެ އަޑު އުފުލުމުގެ ތެރެއިން ---

ސާފް ޗެމްޕިއަންޝިޕް 2026 ގެ މެޗު ޓިކެޓް އަގުބޮޑު ކަމަށް ބުނެ، ބަންގްލަދޭޝްގެ ބައެއް ސަޕޯޓަރުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާވެސް ކުރިއެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ އެންމެ ވަރުގަދަ ސަޕޯޓަރުންގެ ގްރޫޕްތައް ހިމެނެއެވެ. އެ ގްރޫޕްތަކުން މެޗަށް ވަން ނަމަވެސް، ހަގީގަތުގައި ފެނުނު މަންޒަރަކީ އެ ރައްޔިތުން ފާޅުކުރީ ހައްގު ޝުއޫރުތަކެއް ކަމެވެ.

ސާފުން އެއް ދުވަހެއްގެ ދެމެޗަށްވެސް އެއްކޮށް ޓިކެޓް ވިއްކާ އިރު، ޓިކެޓެއްގެ އެންމެ ދަށް އަގަކީ 1070 ޓަކާއެވެ. އެއީ ގާތްގަނޑަކަށް ނުވަ ވަރަކަށް ޑޮލަރެވެ. އޭގެ އިތުރުން ދެން ހިމެނެނީ ކްލަބު ހައުސްގެ 3999 ޓަކާގެ ޓިކެޓާއި 6999 ޓަކާގެ ވީއައިޕީ ޓިކެޓެކެވެ. ބަންގްލަދޭޝަކީ ފުޓުބޯޅައިގެ ފޯރި ގަދަ ގައުމަކަށްވާ އިރު، މިފަހަރު ހަމައެކަނި އޮންލައިންކޮށް ޓިކެޓް ވިއްކާތީވެސް ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ.

ދަނޑުކައިރިން ސުވާލުކޮށްލި ގިނަ މީހުންނަށް ސާފް މުބާރާތް ފެށެން އުޅޭކަންވެސް އެނގުނީ މުބާރާތުގެ އެއް ދުވަސް ކުރިން ކަމަށްބުނި އިރު، އޮންލައިންކޮށް ވިއްކި ޓިކެޓް އެ ރައްޔިތުންނާ ހަމައަށް ވާސިލުވެފައެއް ނުވެއެވެ.

ސަޕޯޓަރުންގެ ގްރޫޕްތަކުން ދަނޑު ކައިރީ މުޒާހަރާވެސް ކޮށްފައިވާ އިރު، ބައެއް މީހުން ބުނީ ބަންގްލަދޭޝްގެ މެދު މިންވަރުގެ މުސާރަ ލިބޭ މީހަކަށްވެސް ދުވާލަކަށް ލިބެނީ އެންމެ ބޮޑުވެގެންވެސް 800 އެއްހާ ޓަކާގެ އާއްމުދަނީއެއް ކަމަށާއި، މިހާރު ޓިކެޓް ވިއްކާ އަގަކީ އެއް ދުވަހުގެ މުސާރައަށްވުރެވެސް ބޮޑު އަދަދެއް ކަމަށެވެ.

އޭގެ އިތުރުން ސަޕޯޓަރުން ބުނީ އަމިއްލަ ގައުމުގައި ސަޕޯޓަރުންނަށް ލިބުނު ފުރުސަތު މިހާރު އޮތް ހާލަތުން ގެއްލިގެންދާ ކަމަށެވެ. ފުޓުބޯޅައަކީ މުޅި ގައުމު އެކުވެރި ކުރުވާން ޖެހޭ ކަމެއް ކަމަށްވެސް ގިނަ ސަޕޯޓަރުން ބުނެފައިވެއެވެ. ސަޕޯޓަރުންގެ ޑިމާންޑަކީ 500 ނޫނީ 300 ޓަކާއަށް ޓިކެޓްގެ އަގު ކުޑަކުރުމަށެވެ.

5 ނޮވެމްބަރު 2026، ޑާކާ، ބަންގްލަދޭޝް، ސާފް ޗެމްޕިއަންޝިޕް 2026 ގެ ފުރަތަމަ މެޗުތަކުގެ ތެރެއިން ބަންގްލަދޭޝް ސަޕޯޓަރުން --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

ޓިކެޓުގެ ކަންކަން ފަހުވަގުތު ހައްލުކުރަން ޓެކްނޯގެ ބައެއް ހާއްސަ ފަރާތްތަކަށް ޑިސްކައުންޓް ދިނުމުގެ އިތުރުން ކިޔަވާ ކުދިންގެ ތެރެއިން 100 ކުއްޖަކަށް 50 ޕަސެންޓް ކުޑަކޮށް ޓިކެޓް ވިއްކަންވެސް ނިންމިއެވެ. އެހެން ނަމަވެސް އެ ޕްލޭންވެސް މާ ކާމިޔާބު ނޫން ކަމަށް ނޫސްތައް ބުނެއެވެ. ދަނޑުން ގިވް އަވޭ ޕްރޮމޯޝަންތައް ފެނުނު ނަމަވެސް، އަދިވެސް ބަންގްލަދޭޝް ސަޕޯޓަރުން ތިބީ ގޮތުގައި ކަމަށްވެސް ނޫސްތައް ބުނެއެވެ.

ދެން ބަންގްލަދޭޝް ކުޅޭ މެޗަކީ ސްރީ ލަންކާއާ ދެކޮޅަށް މިމަހުގެ 11 ވަނަ ދުވަހު ކުޅޭ މެޗެވެ. ފުރަތަމަ މެޗުން މޮޅުވުމުން ހާލަތު ބަދަލުވުންވެސް އެކަށީގެންވެއެވެ.