މުހައްމަދު ޝަމްއޫން، ޑާކާ - ބަންގްލަދޭޝް

ރާއްޖޭގެ ކޯޗު އިސްތަވާން އުރުބާނީ، މިފަހަރު މުބާރާތާ ގުޅޭ ގޮތުން ބަންގްލަދޭޝްގެ ޑާކާގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ފާހަގަކުރި އެއް ވާހަކައަކީ މިވަގުތު ދިވެހި ފުޓުބޯޅަ އޮތީ ބަދަލުވަމުންދާ ހާލަތެއްގައި ކަމަށެވެ. މިއީ އާ ބާބެއްގެ ފެށުމަށް ވެފައި އޮތް ކަމަށް އުރުބާނީ ފާހަގަކުރިއެވެ. އުރުބާނީ ފާހަގަކުރީ ރާއްޖޭގެ ސްކޮޑުގައި ތިބީ ތަޖުރިބާ ބޮޑު ކުޅުންތެރިންނާއި ވަރަށް ވަރަށް ޒުވާން ކުޅުންތެރިން ކަމަށެވެ. އެ ދޭތެރޭ މެދުން ޖީލެއްގެ ކުޅުން ރާއްޖެއަށް ގެއްލިގެން ދިޔަ ކަމަށް އުރުބާނީ ފާހަގަކުރިއެވެ.

މީގެ ކުރިން ރާއްޖޭން ދެ ފަހަރު ސާފް ޗެމްޕިއަންޝިޕް ހޯދާފައިވާ އިރު، އެއީ 2008 އަދި 2018 ގައެވެ. އެ ދެމެދުން ވެސް 10 އަހަރުގެ ފަރަގެއް ގޮސްފައިވެއެވެ. 2018 ގެ ސާފަށް ފަހުން ރާއްޖޭގެ ފުޓުބޯޅައިގައި ދިޔައީ ބަނަ ދުވަސްތަކެކެވެ. ކޮވިޑް 19 ގެ ސަބަބުން މުޅި ދުނިޔޭގެ ފުޓުބޯޅައަށް ވެސް އައި ހުއްޓުމާއެކު، ފައިސާގެ ގޮތުން ކްލަބުތައް އުފުލަން ޖެހުނު ބުރަ ރާއްޖެއަށް ވެސް ކުރިމަތިވިއެވެ. ހަމައެއާއެކު އޭގެފަހުން ރާއްޖޭގެ ފުޓުބޯޅައަށް ވެރިވީ ކޮރަޕްޝަނާއި ހިޔާނާތެވެ. އެ ވާހަކަތައް އަލުން ތަފުސީލު ކުރަން ނުޖެހުނަސް، ލީގު ނެތި އެތައް ދުވަހެއް ކުޅުންތެރިންނަށް ހޭދަކުރަން ޖެހުނެވެ. އެފްއޭއެމްގެ މަތިފަޑި ބަދަލުވާން ނެގި އެ ދުވަސްތަކުގައި ކުޅުންތެރިން ކައިގެން ބޮއެގެން އުޅެން އުނދަގޫވާ ހާލަތަކަށް ރާއްޖޭގެ ފުޓުބޯޅަ ދިޔައެވެ.

އުންމީދެއް ނެތި އެތައް ދުވަހެއް ހޭދަވުމަށްފަހު މިއީ ފުޓުބޯޅައިގެ އާ ދައުރެއްގެ ފެށުމުގެ ކޮޅުމައްޗެވެ. މަހިބަދޫ ދާއިރީގެ މެމްބަރު، އަހުމަދު ތޯރިގު (ޓޮމް) އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވެ، ފުޓުބޯޅައިގެ އޮނިގަނޑު ބަދަލުކޮށްލިއެވެ. އެއާއެކު ފުޓުބޯޅައިގެ މާހައުލު އަންނަނީ ބަދަލުވަމުންނެވެ. ގައުމީ ޓީމަށް ކުރިއަށްވުރެ ގިނަ މެޗު ލިބެން ފަށައިފިއެވެ. ކޯޗަކަށް އުރުބާނީ ގެނެސް، އޭނާއާ ޓެކްނިކަލް ޑިރެކްޓަރުކަންވެސް ހަވާލުކުރިއެވެ.

އުރުބާނީ ކުރިން ތިން ސާފަކަށް ރާއްޖެ ގޮވައިގެން ނުކުތް ނަމަވެސް، މިއީ އެ ހާލަތުގައި އޮތް ދިވެހި ޓީމެއް ނޫން ކަމަށް އޭނާ ބުންޏެވެ. ޕްރި ޓޯނަމެންޓް ޕްރެސްގައި އެއްވެސް ގައުމެއްގެ ކޯޗަކަށް ރާއްޖެ ނުރައްކަލެއް ނުވިއެވެ. ރާއްޖޭގެ ނަންވެސް ފާހަގައެއް ނުކުރެއެވެ. އިންޑިއާ ނަގާފައި ދެ ފަހަރަށް ސާފް ކާމިޔާބުކުރި ހަމައެކަނި ގައުމަކީ ރާއްޖެ ނަމަވެސް، މިއަދު ސާފް ޗެމްޕިއަންޝިޕްގެ ގަދަ ބާރަކަށް ރާއްޖެއެއް ނުކިޔައެވެ. 2023 ވަނަ އަހަރު ރާއްޖެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކެޓުން ވެގެން ދިޔައީ ފުޓުބޯޅަ ތާރީހު ދުށް އެންމެ ބަނަ އެއް ދުވަހަށެވެ. އެހެން ނަމަވެސް އޭގެ ތިން އަހަރު ފަހުން މިއަދު ޓީމު އޮތީ އަމިއްލަ ހިތާއިހިތުގެ އުންމީދެއްގައެވެ. އެއީ ފުޓުބޯޅަ ކުޅޭނެ ސަބަބުތަކެއް އަނެއްކާވެސް ހުރީތީއެވެ.

"ޓީމަށް ވަރަށް މަދު ދުވަސްކޮޅެއް ލިބުނު ނަމަވެސް ވަރަށް ކިކްގައި ޓީމު މިއޮތީ. ޕާކިސްތާނު މެޗަށް ބޮޑަށް މި ވިސްނަނީ ތަށްޓަށްވުރެ. ފުރަތަމަ ސާފަށް ވީމަ ޕްރެޝަރެއް ނެތި ކޮންފިޑެންސާއެކު މި ނުކުންނަނީ. މި ޓީމުގައި އެބަތިބި ސާފް ނަގާފައި ތިބި ކުޅުންތެރިން، އެ ކުޅުންތެރިންގެ ފަރާތުން އެހީތެރިކަން ލިބޭ. އެ ކުޅުންތެރިން ލައިގެންވާނެ އިރާދަކުރެއްވިއްޔާ މިކަންތައް. ޓީމު ވަރަށް އެނަޖެޓިކް، ޓީމުގައި ވަރަށް ގިނަ ޒުވާން އާ ކުޅުންތެރިން އެބަ ހިމެނޭ،" އުމުރުން 22 އަހަރު އަހުމަދު މައިޝް ރަޝީދު އިއްޔެ މީޑިއާއަށް ބުންޏެވެ.

ރާއްޖޭގެ ސްކޮޑުގައި 23 އަހަރު ދަށާއި، 20 އަހަރުން ދަށުގެ ކުޅުންތެރިންވެސް ހިމެނެއެވެ. ސާފަށް އަލަށް ނުކުންނަ ގިނަ ކުޅުންތެރިންތަކެއްވެސް ހިމެނެއެވެ.

ކީޕަރު ހުސައިން ޝަރީފް (ހުސެން) ވެސް އިއްޔެ މީޑިއާއަށް ބުނީ ކުރިން ސާފަށްވުރެ މިފަހަރު މުބާރާތުގައި ޓީމު ރަނގަޅުވާނެކަމުގެ ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ޓީމުން ތަފާތު ދައްކާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

7 ނޮވެމްބަރު 2026، ޑާކާ، ބަންގްލަދޭޝް، ސާފް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗަށް ގައުމީ ޓީމުން ކުރި ފަރިތަކުރުންތަކުގެ ތެރެއިން ކީޕަރު ހުސައިން ޝަރީފް --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

މިދިޔަ އަހަރުތަކަށް ބަލާއިރު ސާފް ރީޖަންގެ މުޅި މާހައުލު ބަދަލުވެއްޖެއެވެ. ސްރީ ލަންކާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނުން ވެސް އެހެން ގައުމުތަކުގައި އުޅޭ އެގައުމުގެ ކުޅުންތެރިން ޓީމަށް ގެނެސް، ސާފް ގައުމުތަކުން ދަނީ ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތާއެކު ރާއްޖެ އޮތް ދެވަނަ މަގާމާ މެދު ސަރަހައްދީ ގައުމުތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެހެންކަމުން އެ ހާލަތުގައި ރާއްޖެއަށް މިއޮތީ މަގާމު ވަޒަން ކުރަން ލިބިފައި އޮތް ފުރުސަތެކެވެ. ހުނަރު ހުރި، ޒުވާން ކުޅުންތެރިން ރާއްޖޭގައި ތިބިކަން ސާބިތުކޮށްދީ، އަދިވެސް ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ ނަން ހިނގާނެކަން ދައްކަން މިއަދު ޕާކިސްތާނު މެޗަކީ ފުރަތަމަ ފިޔަވަޅެވެ. ޑައިމަންޑް ޖުބިލީ މުބާރާތް ކާމިޔާބުކުރި ޕާކިސްތާނަކީ ފަސޭހަވާނެ ޓީމެއް ނޫން ނަމަވެސް، ރާއްޖެއަށްވެސް ބަދަލުތަކެއް އައިސްފިއެވެ. އެއީ ރަނގަޅު ބަދަލުތަކެއްކަން ސާބިތުކޮށްދޭން މިއަދު ޓީމު ނުކުންނާނީ 2018 ވަނަ އަހަރުގެ ތަށި އުފުލާލި ތާރީހީ ސްޓޭޑިއަމަށެވެ. މިހާރު ޑާކާ ނޭޝަނަލް ސްޓޭޑިއަމަށެވެ. ކުރިން ބަންގަބަންދު ސްޓޭޑިއަމަށެވެ.