މުހައްމަދު ޝަމްއޫން، ޑާކާ - ބަންގްލަދޭޝް
ރާއްޖޭގެ ފުޓުބޯޅައިގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ބޮޑު ދުވަހަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދުވަހެވެ. އެ ހަނދާންތަކަކީ ދިވެހި ފުޓުބޯޅައިން ފަނޑުވެގެން ދާނެ ހަނދާންތަކެއްވެސް ނޫނެވެ. މުޅި ގައުމު އެކުގައި އެ ކާމިޔާބީގެ އުފާފާޅުކުރިއެވެ. އޭގެފަހުން 2018 ވަނަ އަހަރު ރާއްޖެން އަނެއްކާވެސް ސާފް ކާމިޔާބުކުރި ނަމަވެސް، އެންމެ ހާއްސަ ކާމިޔާބީއަކީ އަދިވެސް 2008 ގެ ކާމިޔާބީއެވެ. އެ ޓީމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ) މިއަދު ހުރީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުގައެވެ. ރާއްޖޭގެ އިސްތަވާން އުރުބާނީ، އެސިސްޓް ކޯޗުކަން ސޮބާއާ ހަވާލުކުރަމުން ބުނީ ސޮބާ މަގާމަށް ހަމަޖެއްސި އެއް ސަބަބަކީ ކުރިން އޭނާ ރާއްޖެއަށް ކޯޗުކަން ކޮށްދިންއިރުވެސް ދަންނަ މީހަކަށްވުމާއި ސޮބާއަކީ ފުޓުބޯޅައިގެ ކަންކަމުގައި އަބަދުވެސް ޗެލެންޖް ކުރާ ކޯޗަކަށްވުމުން މަސައްކަތް ކުރަން ފަސޭހަވާތީ ކަމަށެވެ.
ސޮބާއަކީ 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އުރުބާނީގެ ކޯޗުކަމުގެ ދަށުން ކުޅުނު ޑިފެންޑަރެއްވެސް މެއެވެ. އެ ޓީމުން ބަންގްލަދޭޝްގައި ފައިނަލަށް ދިޔައެވެ. ފައިނަލުގައި ބަލިވީ އިންޑިއާ ކައިރިންނެވެ. އެއީ ޕެނަލްޓީ ޖަހައިގެންނެވެ. އެ ހުރިހާ ހަނދާނެއް ސޮބާއަށް ހާއްސައެވެ. ގައުމީ ޓީމުގެ ތަފާތު ރޯލެއްގައި ބަންގްލަދޭޝްގެ ތާރީހީ ސްޓޭޑިއަމަށް އަނެއްކާވެސް ނުކުތުން ވެގެންދާނީ ސޮބާގެ ކެރިއަރުގައި މުހިއްމު ވަގުތުތުތަކަކަށެވެ.
"ކުރީގެ ވަރަށް ބައިވަރު ހަނދާންތަކެއް ސާފުން އާވޭ. ހާއްސަކޮށް ސާފްގައި އަޅުގަނޑުގެ ވަރަށް ރަނގަޅު މެމޮރީސްތަކެއް އެބަހުރި. އަޅުގަނޑުމެން 2008 ގައި ތަށި ނެގީ. އޭގެ އިތުރުންވެސް ހަމަ އެހެން އަހަރުތަކުގެވެސް. ގާތްގަނޑަަކަށް ހަތަރު އަހަރު ވާދަކުރިވެފައި އެބައޮތް. މިހާރު ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާއިރު މިހާރު މިއީ ތަފާތު ރޯލެއް،" ސޮބާ އިއްޔެ ބަޝަންދަރާ ކިންގްސް އެރީނާގެ ޓްރެއިނިން ގްރައުންޑުން "ވަން ސްޕޯޓްސް"އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ބުންޏެވެ.
ސާފަކީ ރާއްޖެއަށް ވޯލްޑް ކަޕެއް، މިހާރުގެ ޓީމުގައިވެސް ފެންވަރު އެބަހުރި
ސާފް ރާއްޖެއަށް މިވަނީ ވޯލްޑް ކަޕެއް ކަހަލަ މުބާރާތަކަށް،"
ސޮބާ ބުނީ ރާއްޖޭ ފުޓުބޯޅައަށް ސާފަކީ ހައިބަތު ބޮޑު މުބާރާތެއް ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައި އޮތް ނަމަވެސް އެ ޕްރެޝަރު އޮންނާނެކަން ސޮބާ ފާހަގަކުރިއެވެ. ސޮބާ ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރާއި ކޮލިޓީ އެބަހުރި ކަމަށެވެ. އޭނާގެ ތަޖުރިބާއިން ފާހަގަކުރީ ސާފް ކަހަލަ މުބާރާތަކަށް އެންމެ މުހިއްމީ "މެންޓާލިޓީ" ކަމަށެވެ. މި މުބާރާތް ވެގެންދާނީ ގިނަ ކުޅުންތެރިންތަކަކަށް އެ ތަޖުރިބާކޮށްލައި، ރަނގަޅު "މެންޓާލިޓީ"ގައި ތިބެން މުހިއްމު މުބާރާތަކަށް ކަމަށްވެސް ސޮބާ ފާހަގަކުރިއެވެ.
ސޮބާ ބުނީ ރަނގަޅު ވިސްނުމަކަށް ކުޅުންތެރިން ހޭނޭނީ ތަޖުރިބާއިން ކަމަށާއި، 2008 ވަނަ އަހަރު ސާފްގެ ކާމިޔާބީއަށް ކްލަބު ފުޓުބޯޅައިގައި އޭއެފްސީ ކަޕްގައި ކުޅުނު މެޗުތައް އެހީތެރިވެދިން ކަމަށެވެ.
ރާއްޖޭން މިފަހަރު އާ، ގިނަ ކުޅުންތެރިންތަކަކާއެކު ސާފަށް ނުކުންނަ އިރު، ސޮބާ ފާހަގަކުރީ ރާއްޖޭގެ ސްކޮޑަކީ ތަޖުރިބާއާއި ޒުވާން ކުޅުންތެރިންގެ "މިކްސް"އެއް ކަމަށާއި، އަބަދުވެސް މިހާރު ކުޅުންތެރިންނަށް ވިސްނައިދެމުން އަންނަނީ ފުރަތަމަ މެޗު ފައިނަލެއްގެ ގޮތުގައި ބަލައިގެން، އެމެޗުން ތިން ޕޮއިންޓް ނެގުމަށް ކަމަށެވެ.
ރާއްޖޭގެ ސްކޮޑުގައި ހިމެނޭ ބުރު ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަލީ ހަމްދާންގެ އިތުރުން އޮޑި ސްޕޯޓްސް ކްލަބްގެ އަހުމަދު އައިހަމް (އައިހު)، މުޒްދާން ހަސަން، މުހައްމަދު އަޝްވާން އަދި އަހުޒަމް ރަޝީދު (އަހު)، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އާއި ނައްސާހު އިބްރާހިމް ނާސިރު، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އަހުމަދު މާއިޝް ރަޝީދު (މާއި)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އީތަން އިބްރާހިމް ޒަކީ، މުހައްމަދު ނާއިމް، ޓީސީ ސްޕޯޓްސް ކްލަބްގެ ހަސަން އީނާޒަށްވެސް މިއީ ފުރަތަމަ ސާފެވެ.
"މިހާރުގެ މި ކުޅުންތެރިންނަށް ބަލާއިރު ރަނގަޅު ކަންތައްތަކެއް އެބަހުރި. އަޅުގަނޑަށް ހަމަ މި ޓީމާ ޖޮއިންވުމަށްފަހު ފާހަގަވީ ކުޅުންތެރިން ކޮންސަންޓްރޭޝަން ރަނގަޅުކޮށް، ޓެމްޕޯ ވައްޓާނުލައި ކުޅެފިނަމަ ފުރުސަތު އެބައޮތްކަން. ހުރިހާ ބޭފުޅުންނަށްވެސް އެނގިލައްވާނެ މިހާރު ސާފަށް އައިސްފަ މިއޮތް ބަދަލު. ހުރިހާ ގޮތަކަށް ބެލިޔަސް، އަހަރެމެންގެ ފުޓުބޯޅަ މި ދޭތެރެއަކުން ދަށްކޮށް ދިއުމާއި، އަހަރެމެންނަށް މި ދޭތެރޭގައި ކުރެވުނު މަސައްކަތަށް ބަލާއިރު، އެހެން ގައުމުތައް މިދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަކަށް މިހާރު ނުބުނެވޭނެ ފަސޭހަކަމާއެކު ޕާކިސްތާން ނޫނީ ބޫޓާނުވެސް ބަލިކުރެވޭނެއެކޭ. ބަންގްލަދޭޝް ބޫޓާން މެޗުވެސް ވަރަށް އެއްވަރުކޮށް ދިޔައީ. ދެން އިންޑިއާގެ އެއީ ބީ ޓީމަކަސް، އެ ގައުމާ އެއްވަރަށް މި ސަރަހައްދުގައި މަސައްކަތް ކުރާވަރަށް މަސައްކަތްކުރާ އެހެން ޓީމެއް ނެތް،" ސޮބާ ފާހަގަކުރިއެވެ.
އެހެން ނަމަވެސް ސޮބާ ފާހަގަކުރީ "ސްމާޓްކޮށް" ކުޅެފިނަމަ މި މުބާރާތުގައި އަދިވެސް ފުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖޭގެ ޓީމުގައި 20 އަހަރުން ދަށުގެވެސް ބައެއް ކުޅުންތެރިންވެސް ހިމެނެއެވެ. އެއާއެކު އަނިޔާގެ ސަބަބުން މުހައްމަދު އިލާން އިމްރާން ފަދަ ހުނަރުވެރި ކުޅުންތެރިންނަށް ޓީމުން ފުރުސަތު ގެއްލިފައިވެސް ވެއެވެ. ސޮބާ ބުނީ "ފިއުޗާގެ ގިނަ ކުޅުންތެރިންތަކެއް މިސްކޮޑުގައި އެބަ ހިމެނޭ،" ކަމަށެވެ. އެހެންކަމުން ނެގެޓިވް ވުމަށްވުރެ ބޮޑަށް ޕޮޒިޓިވް ވުން ރަނގަޅު ކަމަށެވެ.
ރާއްޖެއަށް އަދިވެސް މަސައްކަތް އެބައޮތް
ސޮބާ ފާހަގަކުރީ މިފަހަރު މުބާރާތުން ފެންނަނީ ސަރަހައްދީ ފުޓުބޯޅައަށް އައި ބަދަލު ކަމަށެވެ. ކުރިން އިންޑިއާއާ ޗެލެންޖަށް އަބަދު ރާއްޖެ އޮތް ނަމަވެސް، މިހާރު ގައުމުތަކުން އިތުރު ކުޅުންތެރިން ގެނެސް، މުޅި ހާލަތު ބަދަލުވަމުން އަންނަ ކަމަށް ސޮބާ ބުންޏެވެ. އެ ހުރިިހާ ކަމެއް ހުރި ނަމަވެސް، ރާއްޖެއަށް ﷲގެ އިރާދަފުޅުން އަދިވެސް އުންމީދު އެބައޮތްކަންވެސް ފާހަގަކުރިއެވެ. އޭގެ އިތުރުން އޭނާ ފާހަގަކުރީ ޓެކްނިކަލީ ޓީމުގެ ކަންކަން އަދިވެސް ރަނގަޅު ކުރެވިދާނެ ކަމަށެވެ. އެއީ ކުޅުންތެރިންގެ މެންޓަލިޓީ ރަނގަޅު ކުރުމަށް ފުރިހަމަ ވާން ޖެހޭ ކަންކަން ކަމަށްވެސް ސޮބާ ފާހަގަކުރިއެވެ. އެގޮތުން ސޮބާ ފާހަގަކުރީ އެންމެ ފުރިހަމައަށް މި ޒަމާނުގައި ގައުމީ ޓީމެއް އެކުލަވައިލުމަށް ޓެކްނިކަލް ސްޓާފުން އަދި އިތުރުވެސް ވާން ޖެހޭ ކަމަށެވެ. ހާއްސަކޮށް ފިޒިކަލްއަށްވެސް ވަކި ކޯޗެއް ހުރުން ފަދަ ކަންކަމަކީ ފަސޭހައަކަށްވާނެ ކަންކަން ކަމަށް ސޮބާ ފާހަގަކުރިއެވެ.
ލީގު އަލުން ހިނގައިގަނެ، ރާއްޖޭގެ ފުޓުބޯޅަ އަލުން ވަރުގަދަވާން ފެށުމަކީ ސޮބާގެ ނަޒަރުގައި ހެޔޮ ފާލަކެވެ. އަދި މިފަހަރު ސާފަށް އައިއިރު އެހެން ގައުމުތަކުގެ ފަރާތުން ރާއްޖެއަށް މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް، އަދިވެސް ރާއްޖެއާމެދު އުންމީދު ކަނޑާލައިގެން ނުވާނެކަން ސޮބާ ފާހަގަކުރިއެވެ. ހާއްސަކޮށް ސަޕޯޓަރުންގެ ހިތްވަރަކީ މިވަގުތަށް ޓީމަށް މުހިއްމުވާނެ ކަމެއްކަންވެސް އޭނާ ފާހަގަކުރިއެވެ.
ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މާދަމާއެވެ. އެމެޗަކީ މިފަހަރު ސާފްގައި ރާއްޖޭން ކުޅޭނެ ފުރަތަމަ މެޗެވެ. ދެން ގްރޫޕުގައި އޮތީ އިންޑިއާއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް