ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ހާއްސަ އިސްކަމެއް ދީގެން ހައްލު ކުރަންޖެހޭ މައްސަލަތަކެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި ހިތާބެއްގައި ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ގެއްލުން ނުލިބޭ އިގްތިސާދެއް ނެތް ކަމަށާއި އެކަމުގެ ނުރަނގަޅު އަސަރު ނުފޯރާ މުޖުތަމައުއެއް، އަދި ހިތްދަތިކަން ތަޖުރިބާކުރަން ނުޖެހޭ އާއިލާއެއް ނެތް ކަމަށެވެ.
އޭގެ ތެރެއިން ވެސް އެބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށާއި އެއީ އެ ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރާއްޖޭގައި ވެސް ސިއްހީ ހިދުމަތްތެރިންގެ 70 ޕަސެންޓަކީ އަންހެނުން ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު އަންހެނުންގެ އަދަދު މަދުކަމުގައިވިޔަސް، ފުރަބަންދުގެ ސަބަބުން ދިމާވި އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނައި އަންހެން ކުދިންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން ދަރިންނާއި މައިންބަފައިން ބެލުމާއި ގޭތެރޭގެ މަސައްކަތް ފަދަ ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވި ކަމަށެވެ.
ސިއްހީ ހިދުމަތުގެ ނިޒާމަށްވެސް މި ދުވަސްވަރަކީ ވަރަށް ބާރު ބޮޑު ދުވަސްވަރެއް ކަމަށާއި އޭގެ ސަބަބުން އާންމު ސިއްހަތުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެފަދައިން ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް، ވަރަށް ނޭދެވޭ އަސަރުތައް ފޯރަމުން އަންނަ ކަމަށާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައް ވެސް އިތުރުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ޖެހިފައިވާ ކަންކަމެވެ.،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ދުޅެހެޔޮ އާބާދީއެއް ބިނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއް ކަަމަށެވެ. އެގޮތުން ވިހެއުމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން މަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިފައިވީ ނަމަވެސް އެ ކާމިޔާބު އެގޮތުގައި ދެމެހެއްޓޭނީ ކޮވިޑް ފަދަ ބޮޑެތި ބަލިތަކާއެކު ވެސް ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، އުފަންވެނި ސިއްހަތަށާއި އެހެނިހެން އިޖްތިމާއީ ކަންކަމަށް އިސްކަންދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު